ޢައިރު ދީންތަކުގެ އީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިން ގޮވާލައިފި

ޢައިރު ދީންތަކުގެ އީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 02:25
0

ޢައިރު ދީންތަކުން ފާހަގަކުރާ އެމީހުންގެ އެކި އީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިންގެ ޖަމްއިއްޔާއިން ގޮވާލައިފިއެވެ.

އިއްލުމުވެރިންގެ ގުޅުމުން އާއަހަރާއި ދިމާކޮށް ޢައިރު ދީންތަކުގެ މީހުން އެމީހުންގެ އީދެއްގެ ގޮތުގައި ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ހަރަކާތުގައި މުސްލިމު ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ގޮވާލައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް ކަމުގައެވެ. މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ ކަންކަމުގައި ބައިވެރިވުމާއި އެކަންކަމަށް ހިތްވަރުދީ އެކަންކަމުގެ ދިފާޢުގައި ވާހަކަ ދެއްކުމާއި މަގު ގެއްލިފައިވާ ފަރާތްތަކުން ފާހަގަކުރާ، ޝިރުކުގެ ޢަމަލުތައް ހިމެނިގެންވާ މިފަދަ މުނާސަބަތުތަކަށް ހިތްވަރުދީ، އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ރައްދު ކުރުންފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު، އަދި ނޭގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ ޢަމަލުތަކެއް ކަމުގައެވެ.

އެހެންކަމުން އެފަދަ ކަންކަމުން ދިވެހި އުންމަތުގެ އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން ދުރުވެ ރައްކާތެރިވެ ތިއްބެވުމަށް އިލްތިމާސްކުރަން. ﷲ ތަޢާލާ އަޅުގަނޑުމެން މިދުނިޔޭގައި ލައްވަވާފައިވަނީ ވަކި އަޖަލެއް ކަނޑައަޅުއްވާފަ. އެމުއްދަތުގައި އެމީހަކަށް ކަނޑައަޅުއްވާފައިވާ ރިޒުޤު ދެއްވާފަރާތަކީ ވެސް ހަމަ ﷲ ތަޢާލާއެވެ. އެކަލާނގެ ވަނީ އެކަލާނގެ ކަނޑައަޅުއްވާފައިވާ ރިޒުޤު ޙަލާލު ގޮތުގައި ޙާޞިލުކުރުމަށްޓަކައި ހިނގަން އޮތް މަގުތައް ނުހަނު ސާފުކޮށް ދައްކަވައިފައެވެ. އަދި ހަމަ އެހެންމެ އެ ރިޒުޤު ހޯދާނެ ޝަރުޢީ މިންގަނޑުތަކެއް ވެސް އެއިލާހު ތަޢާލާ ބަޔާންކޮށްދެއްވާފައިވާކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަން ޖެހޭ.

– އިލްމުވެރިންގެ ޖަމްއިއްޔާގެ ބަޔާނުގައި ވެއެވެ.

ނަޞާރާއިންގެ ކްރިސްމަސް ފާހަގަ ކުރުމާއި ޣައިރު ދީންތަކުގެ އެނޫން ބާޠިލު މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށާއި، ﷲ ތަޢާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް ލޮބުވެތި ދިވެހި ރައްޔިތުންނަށް އިލްމުވެރިންގެ ޖަމްއިއްޔާން ވަނީ އިލްތިމާސް ކޮށްފައެވެ.

އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވާކުރައްވައި އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަޤާމުތަކާ ޙަވާލުވެގެން ތިއްބެވި އަދި އެމަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ޙައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން ޢަމަލީގޮތުން ހުއްޓުވުމުގެ ބާރުލިބިގެންވާ ފަރާތްތައް ކަމަށްވާއިރު އެކަންކަން ޢަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެންގެވުމަށް އެފަރާތްތަކަށްވެސް ވަނީ މި ބަޔާނުގައި އިލްތިމާސް ކޮށްފައެވެ.

އަދި އެފަދަ ކަންކަން ދިވެހި މުޖުތަމަޢުގައި ހިންގިޔަ ނުދިނުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމަށާއި، އެފަދަކަމެއް ހިނގަމުން ދާނަމަ ޝަރުޢީ އަދި ޤާނޫނީ އިމުގެ ތެރެއިން މަސްއޫލުވެރި ފަރާތްތަކަށް ލިބިދީފައިވާ ޝަރުޢީ އަދި ޤާނޫނީ ބާރުގެ ބޭނުންކޮށް، އެކަން މަނާކުރުމަށްވެސް މިބަޔާނުގައިވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.