ގަލޮޅު ކަންމަތީގައި އޮތް ވޭނުގައި އެއްޗެހި ގޮވިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ހާދިސާއާއި ގުޅުންހުރި ވީޑިއޯއިން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި އެ ސަރަހައްދުގެ މަގެއް ބަންދުކޮށްގެން ވޭން ބަލައި ފާސް ކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން މި ކަހަލަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން އަންނަނީ ކުރަމުން ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެ އިދާރާއިން ބުންޏެވެ.
އަދި އެކަމާ ގުޅޭ ތަފްސީލް ލިބުމުން ހިއްސާ ކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެތަނުގައި ހުރި މީހަކު ބުނީ އެ ކަމެއް ހިނގީ ވޭންގެ އޭސީގެ ކޮމްޕްރެސަރު ގޮވައިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ގޮވި ގަޑީގައި ބާރުގަދަ އަޑުފައްގަނޑެއް އިވުނު ކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ