ފަސް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހަކު ޝަރީތައް ނިމެންދެން ބަންދުކޮށްފި އެވެ. ދައުލަތުންވެސް އެދިފައިވަނީ މި ދެ މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.
ކްރިމިނަލް ކޯޓުން ބަންދުކުރަން އަމުރު ނެރުނީ ރ. އިނގުރައިދޫ، ނައިޓްވިއު، މުހައްމަދު ޝަހުދު (19 އ) އާއި ފ. ފީއަލީ، ރަހުމަތު އުފާ، މުހައްމަދު އާދަމް (24 އ)ގެ މައްޗަށެވެ.
ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ރިމާންޑް ޖަލެއްގައެވެ.
ދެ މީހުންގެ ތެރެއިން ޝަހުދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، ކެނެބިސް ޓަރެފިކް ކުރުމުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ، ކެނެބިސް ބޭނުންކުރުމުގެ ދައުވާއެވެ.
މުހައްމަދު އާދަމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނެބިސް ޓްރެފިކް ކުރުމަށް އެހީތެރިވުމާއި ބައިވެރިވުމުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ވަނީ މުހައްމަދު އާދަމްއަށް ބޭސް ފަރުވާގެ ފުރުސަތު ދިނުމަށްވެސް ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. ކޯޓުން އެގޮތަށް އަމުރުކުރީ މުހައްމަދު އާދަމްގެ ކަންފަތުގެ އެތެރެ ފާރުވެ، ކަންފަތް ކައިރި ނޫފައިގެން ގޮސްފައި ހުރުމުންނެވެ.