މަސްވެރިން ތަކެއް މަސްވެރިކަމުގައި ހަރަކާތްތެރި ވަނީ - ފައިލް ފޮޓޯ

މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު އިއުލާންކުރާ ގޮތަށް ހަދައިފި

މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު އިއުލާންކުރާ ގޮތަށް ހަދައިފި

މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާ އަގު ކޮންމެ ހަފްތާއަކު ކަނޑައަޅައި، އިއުލާން ކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިފްކޯއިން ބުނީ، މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ.

އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި މިހާރު މަސް ކިލޯއެއްގެ އަގު އުޅެނީ 18-20 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

މިފްކޯ އިން ބުނީ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އެ ކުންފުންޏަށް ލިބޭ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު މިފްކޯ އިން ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ. މިފްކޯ އިން މިހާތަނަށް މަސް ގަންނަމުން އައީ ބާޒާރުގައި ވިއްކާ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަގަކަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި މަސްވެރިންގެ އަތުން މަސް ގަންނަ އަގު ވަނީ 25ރ. އަށް ބޮޑުކޮށްފައެވެ. އަދި މި ސަރުކާރުން ވަނީ އެ އަދަދު 20ރ. އަށް ކުޑަކޮށްފައެވެ.

މަސްވެރިން ކިރި ފައިސާއަށް ފައިސާ ނުލިބިގެން، މަސްވެރިން މީގެކުރިން މުޒާހަރާކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *