ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިންގ ކޮމާންޑެއް ފުލުހުންގެ މުވައްސަސާއިން ގާއިމްކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މި ޕޮލިސިންގ ކޮމާންޑު ގާއިމްކުރީ ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިންގ ހިދުމަތެއް ދިނުމަށްޓަކައި ކަމުގައެވެ.
އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ޓްރެފިކް ޕޮލިސް ވަނީ ގާއިމްކޮށްފައިވާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން ވަނީ އެކުލަވާލާފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެބަދަލުތަކަށް 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައެވެ. އެގޮތުން ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް ވަނީ މުޅިން އަލަށް ގާއިމްކުރެވިފައެވެ.
އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެއްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އޭގެ އިތުރުން، ތަަޢުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންވަނީ އައްޔަންކޮށްފައެވެ. މީގެއިތުރުން ފުލުހުންގެ ގަވަރނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ޚިދުމަތްތައް ތަރުތީބު ކުރެވިގެންދާނެއެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީވެސް މުހިންމު ދާއިރާއެއްގެ ގޮތުގައިވަނީ ހިމަނާފައެވެ.