ޖަލުގައި ހައްޔަރު ކޮށްފައިހުއްޓާ ނިޔާވި ޖަމީލްގެ ހަށިގަޑުގެ ބޭރުފުށުން ފެންނާންހުރީ އަނިޔާގެ ނިޝާންތަކެއް ނޫން ކަމުގައި ފުލުހުން ބުނެފިއެވެ.
ޖަލުގައި ހުއްޓާ ނިޔާވި ޖަމީލުގެ ހަށުގަޑު ޕޯސްޓްމޯޓަމް ހަދަން އާއިލާގެ ހުއްދަ ނުލިބުމުން، މިހާރުވަނީ ވަޅުލާފިއެވެ. އޭނާގެ ހަށިގަޑު ވަޅުލާފައިވަނީ ރޭ ފަތިހު ފަތިސް ނަމާދަށްފަހުއެވެ.
އެހެންނަމަވެސް އޭނާއަށް ޖަލު އޮފިސަރުން އަނިޔާކޮށްފައިވާކަމަށް ބުނެ ކުރެވެމުންދާ ތުހުމަތުތަކާއި ގުޅޭގޮތުން މިއަދު ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ފަރާތުން ބުނެފައިވަނީ، އޭނާގެ ހަށިގަޑުން ފެންނާން ހުރި ނިޝާންތަކަކީ އެއީ ބޭރުފުށުން ލިބުނު "އެކްސްޓާނަލް އިންޖަރީ"އަކާއި ގުޅުންހުރި ނިޝާންތަކެއް ނޫންކަމުގައެވެ.
ކުރުކޮށް ބުނާކަމަށް ވަންޏާ އަޅުގަޑު ދަންނަވާފާނަން، އެއްކަމެއް އެއީ ޑޮކްޓަރުންނާވެސް އަޅުގަޑުމެންނަށް ހަމަ މިމައްސަލާގައި މަޝްވަރާ ކުރެވިގެންދިޔަ، ޑޮކްޓަރުންގެ ލިޔެކިޔުންތަކުންވެސް އަޅުގަޑުމެންނަށް ހަމަ ވަރަށް ސާފުކޮށް އެބައޮތް އެނގެން، އެކްޓާނަލް އެއްވެސް އެންޖަރީއެއް ނެތްކަން. އެއީ ޑޮކްޓަރުން ބައްލަވާ މިންގަޑުން ބައްލަވާފަ ހަމަ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިހާރު ދައުރުވަމުންދާ ފޮޓޯތަކަށް އަލިއަޅުވާލާ ފުލުހުން ވިދާޅުވީ، އެ ފޮޓޯތަކުން ފެންނަންހުރި ނިޝާންތަކަކީ އެއްވެސް މީހެއްގެ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން ކަމަށާއި، އެއީ މަރުވުމަށްފަހު އިންސާނާގެ ހަށިގަނޑަށް އަންނަ (ބޮޑީ ޑިސްކަލަރޭޝަން) ކަމަށެެވެ.
ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޖަމީލު ނިޔާވެފައި އޮއްވައި ފެނުނީ މާފުށީ ޖަލުގެ ގޮޅިއްގަ އެވެ. އޭނާ ނިޔާވެފައި އޮތްއިރު ހަށިގަނޑުގެ އެކި ތަންތަނުގައި ނިޝާންތަކެއް ހުރުމުން އޭނާއަށް އަނިޔާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.