ފުލުހުންގެ ކުއްލި ޕްރެސް ކޮންފަރެންސެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ނޫސްވެރިންނަށް މިހާރު ވަނީ ދީފައެވެ.
މިއީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސެއް ކަން ބުނުން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.
މީޑީއާތަކުގެ ފަލަ ސުރުހީތަކުން މި ފަހުން ޖާގަ ހޯދި އެއް ހަބަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަށް ސިހުރު ހެދި މައްސަލައެކެވެ. އެ މައްސަލައިގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ޝަމްނާޒް ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖަހާފައިވާ އިރު، އޭނާ ހުރީ ސަސްޕެންޑްކޮށްފައެވެ. ޝަމްނާޒް އާ އެކުގައި އިތުރު ދެ މީހަކު ވެސް ހައްޔަރު ކުރިއެވެ.