ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވަނީ ފާއިތުވި 10 އަހަރުގެ ދަރަނީގެ މައްސަލައެއް: އާޑަމް އޭޓަސް

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވަނީ ފާއިތުވި 10 އަހަރުގެ ދަރަނީގެ މައްސަލައެއް: އާޑަމް އޭޓަސް

ގުޅުންހުރި

ރާއްޖެއަށް ކުރިމަތިވެފައިވަނީ ފާއިތުވި 10 އަހަރު ދުވަހުގެ ދަރަނީގެ މައްސަލައެއް ކަމުގައި ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވެއްޖެ އެވެ.

އާޑަމް އޭޓަސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ނުރައްކަލަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދަރަނި ޖަމާވަމުން ދިއުމާއި، އެ މުއްދަތުގައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވުން ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ އިޤްތިޞާދީ ކުރިއެރުމެއް ނުވަތަ އިތުރު ފައިނޭންސިންއަކުން މިމައްސަލަ ޙައްލެއް ނުކުރެވޭނެ ކަމުގައެވެ.

އޭގެ ބަދަލުގައި  މާލީ އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަކުރުމަށް ޚަރަދުކުޑަކުރުމުން މައިގަނޑު ގޮތެއްގައި އެމްއެމްއޭގެ ރިޒާވްއަށް އެހީތެރިވެ، މެދުރާސްތާގައި ދަރަނީގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމުގައި އާޑަމް އޭޓަސްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އަދި އޭނާ ވަނީ ސަރުކާރުން އަޅަމުންދާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަޅުކުރުމުގެ ގޮތުން، އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި ބައެއް ޓެކުހަށް ބަދަލު ގެނެސް ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ މުދަކަށް ދީފައިވާ ޑިއުޓީ ލުއިތައް އުވާލަަން ސަރުކާރުން މިހާރުވަނީ ނިންމާފިއެވެ.

އެގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އާންމުން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ މިހާރު ނަގާ އަދަދުތައް މުރާޖައާކުރުން ހިމެނެއެވެ.

ސަރުކާރުން ފާއިތުވި އާދީއްތަ ދުވަހު ކެބިނެޓުން ފާސްކޮށް، އަދި ފިނޭންސް މިނިސްޓްރީން މިހާރު އާންމު ކޮށްފައިވާ ކުރިޔަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓުން އެގެން ހުރި ގޮތުގައި އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން އެއަރޕޯޓު ބޭނުންކުރާ ފަރާތްތަކުގެ އަތުން ނަގާ ފީތަކާއި ޓެކްސްތަކަށް ބަދަލު ގެންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ