ބައެއް ޓަކުހަށް ބަދަލު ގެނެސް އާމްދަނީ އިތުރު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި

ބައެއް ޓަކުހަށް ބަދަލު ގެނެސް އާމްދަނީ އިތުރު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަޅުކުރުމުގެ ގޮތުން، އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި ބައެއް ޓަކުހަށް ބަދަލު ގެނެސް ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ މުދަކަށް ދީފައިވާ ޑިއުޓީ ލުއިތައް އުވާލަަން ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އާންމުން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ މިހާރު ނަގާ އަދަދުތައް މުރާޖައާކުރުން ހިމެނެއެވެ.

ސަރުކާރުން ފާއިތުވި އާދީއްތަ ދުވަހު ކެބިނެޓުން ފާސްކޮށް، އަދި ފިނޭންސް މިނިސްޓްރީން މިހާރު އާންމު ކޮށްފައިވާ ކުރިޔަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓުން އެގެން ހުރި ގޮތުގައި އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން އެއަރޕޯޓު ބޭނުންކުރާ ފަރާތްތަކުގެ އަތުން ނަގާ ފީތަކާއި ޓެކްސްތަކަށް ބަދަލު ގެންނާނެއެވެ.

އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ބޮޑުކުރުން ވެސް ހިމެނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރާމީހުން ނަގާ ޓިކެޓްގެ އަގު އުފުލިގެން ދިއުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.

އޭގެ އިތުރުން މިހާރު އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ދީފައިވާ ބައެއް ޑިއުޓީގެ ލުއިތައް މުރާޖައާކުރުންވެސް ހިމެނެއެވެ. އެ ޑިއުޓީ މުރާޖައާ ކުރެވިގެންދާއިރު ސަރަހައްދީ ބަނދަރުތަކަށް އެތެރެ ކުރާ މުދަލަށް ފާއިތުވެދިޔަ ތަނުގައި ދީފައިވާ ޑިއުޓީ ލުއިތައް ނިމުމަކަށް ގެނައުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ހަމައެއާއެކު ބައެއް ޓެކުހަށްވެސް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ގްރީން ޓެކްސް ހިނެނެއެވެ. އަދި ޖީއެސްޓީ ނަގާ ބާވަތްތަކާއި ޚިދުމަތްތައް އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުންވެސް ހިމެނެއެވެ. އަދި އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތަކަށްވެސް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

މިބަދަލުތަކުގެ އިތުރުންވެސް ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުމާއި، ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ނަގާ ގޮތަށް ބަދަލު ގެނައުންވެސް ސަރުކާރުން އަަޅާ އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *