ޓެރަރިޒަމްގެ ދައުވާގައި 15 އަހަރުގެ ޖަލުހުކުމެއް އިއްވި މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހަިއފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މީހެކެވެ. އެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހަކީ، ހ. ރެދަން ފަވާޒް ކަޅުތުއްތު އެވެ.
2012 ވަނަ އަހަރުގެ ޖޫން މަހު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއިރު އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮގަސްޓް 30، 2012 ގައެވެ. އެހުކުމުގައި ބުނެފައިވަނީ މާޗް 1، 2012 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ، މަޖީދީ މަގުގެ ދެކުނު ފަރާތަށް ވެއްޓިފައި އޮތް ސައިކަލެއްގެ ޕެޓްރޯލް ޓޭންކް ހުޅުވުމަށްފަހު ފަވާޒުގެ އަތުގައި އޮތް ލައިޓަރަކުން އެ ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ދުށް ކަމަށް އެތަނުގައި ހުރި މީހަކު ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށެވެ. އަދޮ އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެހެނިހެން ގަރީނާތައް ހުށަހެޅިފައިވާ ހެކިތަކަށް ބާރުދޭ ކަމަށްވެސް ހުކުމްގައި ބުނެފައިވާއިރު ޝަރީއަތަށް ހުށަހެޅުނު ވީޑިއޯއަކުންވެސް ފަވާޒު އެ ސައިކަލްގައި އަލިފާން ރޯކޮށްލުމަށްފަހު ދުވެފައިދާ ތަން ރަނގަޅަށް ފެންނަން ހުރި ކަމަށްވެސް ބުނެފައި ވެއެވެ.
ކަޅުތުއްތުގެ މައްޗަށް ސާބިތުވީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު އައި، ފުރަތަމަ ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައެވެ.
އެމައްސަލާގައި ފަވާޒު ކަޅުތުއްތު 15 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެހެންނަމަވެސް 2013 ވަނަ އަހަރުގެ ޖޫން މަހު ހައިކޯޓުން އެހުކުމަށް ތާއީދު ކޮށްފައި ވެއެވެ.
ފަވާޒު ކަޅުތުއްތު 10 ދުވަހަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.