ކަރަޕްޝަނާއި، ވައްކަމާއި ނާޖާއިޒު ގޮތެއްގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމަށް ފުރުސަތެއް ނޯންނާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޖަގަހަ ކުރިން ހިންގި އިމާރާތުގައި އަލަށް ހެދި، ވެރިކަންކުރާ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން ބަދަލު ހިފުމުގެ ރޫހު މިހާރު ނައްތާލެވިފައިވާކަމަށާއި، ގަވާއިދާ ޚިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ރާއްޖޭގައި ނޯންނާނެ ކަމުގައެވެ.
އެގޮތުން ނާޖާއިޒު ގޮތުގައި، އަދި ގަވާއިދާ ޚިލާފަށް ކަންކަން ކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމަކީ ބަދަލު ހިފުން ނޫންކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއަށް ބެލުމެއް ނެތި އަޅުއްވާނެ ކަމުގައެވެ.
ކޮރަޕްޝަނަކަށް ވައްކަމަކަށް ނާޖާއިޒު ގޮތެއްގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމަށް އެ ފުރުސަތެއް ނޯންނާނެ. އެއީ އަކީއެއް ބަދަލު ހިފުމެއް ނޫން. އެއީ އަދުލު އިންސާފު ގާއިމުކުރުން. އެކަން އޮންނަ އުސޫލުގެ ތެރެއިން ބެލުމަކީ [އަދުލު އިންސާފު ގާއިމުކުރުން]. އެހެންވީމާ ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނަން.
ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަދުލުވެރިވީމާ ގައުމަށް ބަރަކާތާއި ކާމިޔާބު ލިބި ގައުމުގެ ކުރިމަގު އުޖާލާވާނެ ކަމުގައެވެ. އަދި ރައްޔިތުންނަށް ތެދުވެރިވެ އިހްލާސްތެރިވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް މުއިއްޒު އެދިވަޑައިގަތީ ރައްޔިތުން އެމަނިކުފާނާ އެކު ކުރިއަށް ވަޑައިގަތުމަށެވެ.