ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޕަރޭޝަން "ކުރަނގި" އަށް މަޢުލޫމާތު ނުދީ ތިބި ބިދޭސީންގެ މަޢުލޫމާތު 30 އޭޕްރިލްގެ ކުރިން ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ. މި ތާރީޚަށްފަހު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ފެށިގެންދާނެކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން 2 މެއި 2024 ގައި ފެށި އޮޕަރޭޝަން "ކުރަނގި" އަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ހޯމް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި 100,000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާއިރު، އޭގެތެރެއިން ގްރޭޓަރ މާލެ ސަރަހައްދުން އެކަނި 65,000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ.
ފާއިތުވި ސަރުކާރުގެ 5 އަހަރު ނިމުނުއިރު އެއްކުރެވިފައިވަނީ ގާތްގަނޑަކަށް 40 ހާސް ބިދޭސީންގެ މަޢުލޫމާތުކަމަށާއި، ބިދޭސީންގެ މައްސަލަ މިހާ ބޮޑަށް ބައްސުންލައިގެން ގޮސްފައިވަނީ ކުރީގެ ސަރުކާރުތަކުން އަމަލީ މަސައްކަތަށް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާތީކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
"އަﷲ ގެ ވާގިފުޅާއެކު ކާމިޔާބުކަމާއެކު އޮޕަރޭޝަން ކުރަނގި ނިންމާލެވޭއިރު، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ލިބިގެންދާނެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ، ބިދޭސީ މަސައްކަތްތެރިން ގެނައުމަށް މިހާރު އޮތް ހަރުކަށި އުޞޫލުތަކަށް އޮޕަރޭޝަން ކުރަނގި ނިމުމުން ބަދަލުގެނެވި، ބޭރުމީހުން ގެނައުމުގައި މިހާރު އޮތް ދަތިކަން ފިލައިދާނެކަމަށެވެ.