ބޮލީވުޑްގެ ސްޕަސްޓާރު އާމިރު ހާންގެ ފިރިހެން ދަރިފުޅު ޖުނައިދު ހާން ގެ އަލަތު ފިލްމް "މަހާރާޖް" ބެލުންތެރިނަށް ދޫކޮށްލައިފިއެވެ. މި ފިލްމްއަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ފިލްމްއެކެވެ.
މި މަހުގެ 14 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ހަމަޖެހިފައި ވަނިކޮށް ހިންދޫންނަށް ކުޑައިމީސްވާ ގޮތަށް ފިލްމުގައި މަންޒަރުތަކެއް ހިމެނޭ ކަމަށް ބުނެ ރިލީޒްކުރުން ހުއްޓުވި ނަމަވެސް ގުޖްރާޖު ކޯޓުން ފިލްމް އެޅުވުމުގެ ހުއްދަ ދިނުމާ ގުޅިގެން ފިލްމު ނެޓްފްލިކްސް އިން މިހާރު ބަލާލެވޭނެއެވެ.
ކޯޓުން ހުއްދަ އިއްޔެ ދިނީ ފިލްމާ ގުޅޭ ގޮތުން ހިންދޫގެ ޖަމާއަތެއް ކަމަށްވާ ވިޝްނޫ ހިންދޫ ޕަރީޝާދު (ވީއެޗްޕީ) އިން ހުށަހެޅި މައްސަލައާ ގުޅިގެން، ފިލްމު ޕްރިމިއާ ކުރުން ހުއްޓުވުމަށް ފަހު، ފިލްމުގެ ސްޕެޝަލް ސްކްރީނިންއެއްގައި ބެލުމަށް ފަހު އެވެ.
ކޯޓުން ފިލްމަށް ހުއްދަ ދީ ނެރުނު އަމުރުގައި "މަހާރާޖް" ޕްރީމިއާކުރުން ހުއްޓުވަން ޖެހޭ ވަރުގެ އެއްވެސް ވަރުގެ ކަމެއް ނުހިމެނޭ ކަމަށް ބުންޏެވެ. އެގޮތުން ވީއެޗްޕުން ކަންބޮޑުވުން ފާޅުކުރި ޒާތުުގެ އެއްވެސް ކަމެއް ނުހިމެނޭކަން ސާފުވެއްޖެ ކަމަށާއި ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމުގައި އެއްވެސް އިއުތިޒާރެއް ނެތްކަން އަންގާފައިވެ އެވެ.
ޖުނައިދުއާ އެކު މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޝާލިނީ ޕާންޑޭ އެވެ. މުހިންމު ރޯލަކުން ޝަރުވާރީ ވާގް ވެސް ފެންނާނެ އެވެ. އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ "މަހާރާޖް"ގެ ކާސްޓުގައި ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ.
މި ފިލްމް އަކީ 1862ވަނަ އަހަރުގެ މަޝްހޫރު މަހާރާޖް ލައިބެލް ކޭސްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އިނގިރޭސީން ގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ދުވަސްވަރު ހިނގާފައިވާ މި ހާދިސާއަކީ އެގައުމުގެ ދީނީ ލީޑަރަކު ފައްޅިތަކުގައި އަންހެނުންނާއެކު ޖިންސީ ގުޅުންތައް ހިންގާކަމަށް ނޫސްވެރިއަކު ލިއުނު ރިޕޯޓަކާގުޅިގެން ހިނގި މައްސަލައެކެވެ. ޖުނައިދު ޚާން ފެނިގެންދާނީ އެމައްސަލަ ބިނާވެފައިވާ ނޫސްވެރިއާ ކަރްސަންދާސް މުލްޖީގެ ރޯލުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ 2018 ގައި ކުޅުނު ކާމިޔާބު ފިލްމު "ހިޗުކީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ އެވެ.