ތ. ވޭމަންޑޫގައި ގަވައިދާ ހިލާފަށް ދުއްވި ސައިކަލެއް ޓޯކުރިއިރު، ސައިކަލު ދުއްވަން އިން މީހާއާ މެދުގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ވޭމަންޑޫ ސްކޫލުގައި ކުރިއަށް ދިޔަ ހަރަކާތަކާ ގުޅިގެން އެ ސަރަހައްދަށް އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީ ޕާކު ކުރުމަށް ފަހު އަތޮޅު ކައުންސިލް އިދާރާއަށް، ސައިކަލު ދުއްވި މީހާ ވަދެފައިވާ ކަމަށެވެ.
އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ދަނިކޮށް ހުއްޓުވައި ލައިސަންސް އޮތްތޯ ބެލިއިރު ލައިސަންސް ނެތުމުން ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް، ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމެއް ހިނގިއިރު، މައްސަލައަކަށްވީ، ފުލުހުންގެ ބަސް މަގު ބޭނުން ކުރި ގޮތާ ގުޅޭ ގޮތުންނެވެ.
މި މައްސަލާގައި ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެ ހާދިސާގައި ކަންހިނގާ ދިޔަ ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.