434 ކުށްވެރިން ދޫކޮށްލި ކަމަށް ބުނީ ސިޔާސީ މަންފާއެއް ހާސިލްކުރަން: އެމްޑީޕީ

434 ކުށްވެރިން ދޫކޮށްލި ކަމަށް ބުނީ ސިޔާސީ މަންފާއެއް ހާސިލްކުރަން: އެމްޑީޕީ

Author
އަހުމަދު
20 ޖޫން 2024 10:05
0

މިދިޔަ ސަރުކާރުގައި 434 ކުށްވެރިޔަކު ދޫކޮށްލާފައިވާ ކަމަށް ބުނެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން މިރޭ ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކުށް ކުރުން އިތުރުވެފައި ވަނީ މީގެ 10 މަސް ކުރިން، 434 ކުށްވެރިން ދޫކޮށްލުމުން ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގުލާ ފުލުހުން ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކޮށްފައި ވަނީ އެކަމަށް ހާއްސަ ގާނޫނެއް ކަމުގައިވާ މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއުތަކާ އެއްގޮތަށް ކަމަށް ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ އެކިއެކި ކުށް ކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހުލާގު ރަނގަޅު މީހުންނާއި ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ގާނޫނުގެ ދަށުން އެމީހުން މިނިވަންކޮށްފައި ވާނެ ކަމަށެވެ.

"އެ މީހުން މިނިވަންކޮށްފައިވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މައާފުކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނި ގޮތުގައި އެ ޕާޓީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފި ނަމަ، އިތުުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށްލުމުގެ ގާނޫނީ ފުރުސަތު އޮތް އިރު، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަމެވެ.

މި ސަރުކާރު ހަވާލުވުމަށް ފަހު ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ކުށްވެރިން ދޫކޮށްފައިވަނީ، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތްއިރު، ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ގާނޫނު ތަންފީޒްކުރުމާއެކު، ސަރުކާރުން ގާނޫނީ ޒިންމާ އަދާކޮށްގެން ކަމަށް ވާއިރު، ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.