ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން އާދީއްތަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.
އާޒިމާގެ މައްޗަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގެ މައްސަލައިގަ އެވެ.
މި ދެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލުކޮށްފައިވަނީ މިދިޔަަ މަހުގެ 27 ވަނަ ދުވަހަށެވެ. އެ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންދެވިފައިނުވަނީ އާޒިމާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ޑޮކްޓަރަށް ދައްކަން ދާން ޖެހުމާއި ގުޅިގެންނެވެ.
އެ ދުވަހުގެ ޝަރީއަތުގެ މަޖިލީސް ފައްޓަވައި ދެއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އާޒިމާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީއެއްގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. އަދި ދިމާވި ކަމަކާއި ގުޅިގެން ޝަރީއަތް އެހެން ދުވަހަކަށް ފަސް ކުރަން އާޒިމާ އެދިވަޑައިގެންފައިވާ ކަމަށްވެސް ގާޒީ ފާގަހަ ކުރެއްވެވި އެވެ.
އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމާއި ގޮތް ނިންމުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލައި ޝަރީއަތް ހިންގަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިންގެ ކުށް ސާބިތުގެ 5 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފު ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްްވި މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
ކޮމެންޓު ފޮނުވާ