ކުޅުދުއްފުށި އީދު ކުޅިވަރު މިއަހަރުވެސް ތަފާތު!

ކުޅުދުއްފުށި އީދު ކުޅިވަރު މިއަހަރުވެސް ތަފާތު!

Author
ހުސެއިން
18 ޖޫން 2024 10:47
0

ކުޅުދުއްފުށި ހިމެނިގެން ދަނީ ކޮންމެ އަހަރަކުވެސް ތަފާތު ގޮތަކަށް، އެހާމެ ކުލަގަދަކޮށް އީދުކުޅިވަރުތައް ގެނެސްދޭ ރަށަކަށެވެ. އެގޮތުން މިއަހަރުގެ އީދު ކުޅިވަރުތަކަށްވެސް އެރަށު ކައުންސިލުންވަނީ ބޮޑެތި ތައްޔާރީތަކެއްވެފައެވެ. އަދި މިއަހަރުގެ އީދު ކުޅިވަރުތައް ސަންގު ޓީވީން ލައިވް ކުރާގޮތަށް ހަމަޖައްސާ، މިއަހަރުގެ އީދު ކުޅިވަރުތައް މިއަހަރުވަނީ އިތުރަށް ފުޅާ ކޮށްފައެވެ.

ކުޅުދުއްފުށިގައި މިއަހަރުގެ އަޟުހާ އީދުގައި އޮތް ކުޅިވަރުތަކުގެ ތެރޭގައި ހޮނިހިރު ދުވަހު ރޭ ވަނީ "ކުރުނބާ ޢީދު" ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އަދި ހަމައެރޭ އީދު މާލި (ދައްސޫރަ) ކުޅިވަރު ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އީދު ދުވަހު ހެނދުނު ރަށްމަތިފަންނުގައި ވަނީ ސަގާފީ ކުޅިވަރެއް ކަމުގައިވާ އޮނުބަޑިޖެހުން އޮތެވެ. އަދި އެ ދުވަހު ހަވީރު ވަނީ ބަންދު ދުވުމާއި، ރާނީ ހިނގުން ބާއްވާފައެވެ.

އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައިވަނީ ހަވާވެސް ހަރުވާފައެވެ. އަދި ދަފި ނެގުމުގެ ހަރަކާތްތަކާއި، އެންމެ މޮޅު އީދުގެ ހޮވުން އޮތެވެ.

އަދި އޭގެ އިތުރުން އަންހެނުން ކުރުފަލިޖެހުމާއި، އަންހެނުންގެ ކޯޑި، ބޮޑުފައިވާން ހިނގުމާއި، ފޮޓާ އުފާ ނަމުގައި ވެލިގަނޑު ސްޓޭޖް ސަރަހައްދުގައި ޝޯވތައް ބޭއްވުންފަދަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިހުރިހާ ހަރަކާތްތަކުގެ ތެރެއިންވެސް، އެހެން އަހަރުތަކެކޭ އެއްފަދައިން، ގިނަ ބައެއްގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ މަށިމާލި ޕެރޭޑަށެވެ. އެ ޕެރޭޑަކީ މުޖުތަމައުގެ އެކި މައްސަލަތަކަށް ޚާއްސަކޮށްގެން ގެނެސްދޭ ޕެރޭޑެކެވެ.

މި ޕެރޭޑުގައި އާންމު ގޮތެއްގައި ގެނެސްދެނީ، ގައުމުގައި އެދުވަސްވަރެއްގައި ހިނގާ ސިޔާސީ މައްސަލަތަކާއި ގުޅޭ ކެރެކްޓަރތަކާއި މެސެޖްތަކެވެ.

އަދި އޭޣެ އިތުން ވަކީން ޚާއްސަކޮށް އޭރަކު އޮންނަ ސަރުކާރަކުން ކުޅުދުއްފުށި ސީޓީއަށް ވާ ވައުދުތަކުގެ މައްޗަށް އެކި ކެރެކްޓަރތަކާއި މޮޑެލްތައް ހަދާ، ނުފުއްދި ހުންނަ ވައުދުތަކުގެ ސަރުކާރު ހަނދާން ކޮށްދިނުން އޮވެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދައުރުކޮށްފައިވަނީ އިސްވެ ދެންނެވުނު ކަންކަމަށް އަމާޒުކޮށް ތައްޔާރު ކުރެވުނު މާލި ޕެރޭޑުގެ ފޮޓޯތައްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.