ހަވާއެރުވުމާއެކު ކުލަގަދަކޮށް ކ. މާފުށީގައި އީދުގެ ފާހަގަ ކުރުމުގެ ހަރަކާތްތައް ބާއްވައިފި އެވެ.
މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނިން އިންތިޒާމުކުރި އެންމެންގެ އީދު މާފުށި ހަރަކާތްތަކުގެ ތެރެއިން ކުލަގަދަ މިއުޒިކް ޝޯއެއް ރޭ ވަނީ ބާއްވާފަ އެވެ. މި ޝޯގައި މާފުށީ ބޮޑު ބެރު ގްރޫޕުގެ އިތުރުން ޑީޓިއުންސް އާއި ސްމޯކް ބޭންޑް ބައިވެރިވެފައިވެ އެވެ. މި ޝޯ ބަލައިލަން މާލޭން ވެސް ބައެއް މީހުން އައިސްފައިވެ އެވެ.
މާފުށީގައި އީދު ފާހަގަ ކުރުމުގެ ހަރަކާތް މި އަހަރު އިންތިޒާމުކޮށްފައިވަނީ އެރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިންނެވެ. މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދު ވިދާޅުވީ އީދު ޝޯވް ނިމުނުނަމަވެސް ކުރިއަށް އޮތް ދެ ދުވަހުވެސް އީދުގެ އެކި ކުޅިވަރުތައް ކުރިއަށްދާނެ ކަމަށެވެ.
މާފުށީގައި އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ކޯޑި ކެނޑުން އޮންނާނެއެވެ. އަދި މިރޭ މަސް ރޭސް އަދި ލަވް ބާބެކިއު ބޮޑުބެރުގެ އިތުރުން މާދަމާ ރޭ ނަލަ ކޯޑި އާއި މާލި ޕެރޭޑް އޮންނާނެއެވެ.