ސައުދީ އަރަބިއްޔާގައި ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން އުރުދުންގެ 14 ހައްޖާޖީއަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ގައުމުގެ 14 ރައްޔިތަކު މަރުވެފައިވަނީ "ހޫނުގަދަވުމުގެ ސަބަބުން ސަން ސްޓްރޯކް ޖެހިގެން" ކަމަށާއި އިތުރު 17 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި އީރާނުގެ ރެޑް ކްރެސެންޓުން އެގައުމުގެ ފަސް ހައްޖުވެރިންގެ ފުރާނަ ގެއްލިފައިވާކަން ކަށަވަރުކޮށްދީފައި ވީ ނަމަވެސް އެ މީހުން މަރުވީ ކިހިނެއް ކަމެއް އެގައުމުން ހާމަކޮށްފައި ނުވާކަމުގައެވެ.
އުރުދުންގެ އޮފިޝަލުން ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އުރުދުންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރުވި މީހުންގެ ހަށިތައް ވަޅުލުމުގެ ނުވަތަ އުފުލުމުގެ އިޖުރާއަތްތައް ސައޫދީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ ޢާއިލާތަކުން އެދޭ ގޮތަށް ބަލަމުން އަންނަ ކަމަށެވެ.
ޙައްޖުގެ އަޅުކަމަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު އެއްވެ އުޅޭ އެއް އަޅުކަމެވެ. ސައުދީ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއަހަރު 1.8 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށް ގޮސްފައި ވެއެވެ.
ހައްޖުގެ އަޅުކަމުގެ ތެރޭގައި މީގެކުރިންވެސް ނުރައްކާތެރި ހާދިސާތައް ހިނގާ ގިނަބަޔަކު ނިޔާވެފައި ވެއެވެ. އޭގެ ތެރޭގައި މީހުން ތޮށްޖެހުމާއި، ޓެންޓު ގައި އަލިފާން ރޯވުން ހިމެނެއެވެ. އެހެންނަމަވެސް ގިނަ އަހަރުތަކުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ ގަދަ ހޫނުގެ ސަބަބުންނެވެ.
މި ހަފުތާގައި ފިނިހޫނުމިން 46 ސެލްސިއަސް (114.8އެފް) އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ބޭރުގައި އަދި ފައިމަގުގައި ކުރާ ގިނަ އަޅުކަންތަކަކީ ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ސައޫދީ ނޭޝަނަލް މީޓިއޮރޮލޮޖީ ސެންޓަރުގެ ވެރިޔާ އައިމަން ގުލާމް މިދިޔަ ހަފުތާގައި އިންޒާރު ދެއްވާފައި ވަނީ މިއަހަރު ހައްޖަށް ދާނެ ކަމަށް ލަފާކުރެވޭ މޫސުމުގައި މައްކާ އާއި މަދީނާގެ ފިނިހޫނުމިން އާދަޔާ ހިލާފަށް 1.5 ޑިގްރީ އާއި 2 ޑިގްރީ [ސެލްސިއަސް] އަށް ވުރެ އިތުރުވާނެ ކަމަށެވެ.
މި ދެ ސިޓީއަކީ ފަސް ދުވަހުގެ ހައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ މުހިންމު ބައިތައް ކުރިޔަށްދާ ދެ ސިޓީއެވެ. އަރަފާތު ފަރުބަދަ ކައިރީގައި ހުންނަ ފަރުވާދޭ މަރުކަޒަކުން ހޫނު ގަދަވުމުގެ 225 ކޭސް ރެކޯޑްކޮށްފައިވާ ކަމަށް ސައުދީގެ ރަސްމީ ޕްރެސް އެޖެންސީން ބުނެފައި ވެއެވެ.
ހައްޖުގެ އަޅުކަން ނިމޭނީ އަންނަ ބުދަ ދުވަހު އެވެ. ސައޫދީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހޫނު ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މޫސުން ކޮންޓްރޯލް ކުރާ ގިނަ ސަރަހައްދުތަކެއް ވަނީ ގާއިމްކޮށްފަ އެވެ. އެމީހުން ފެން ބަހާ، ހައްޖުވެރިންނަށް އިރުގެ އަލިން ރައްކާތެރިވާނެ ގޮތުގެ އިރުޝާދު ދެއެވެ. ސައުދީ ގެ ސިއްހަތާ ބެހޭ ވުޒާރާއިން ވެސް ވަނީ 10:00 އިން 16:00 އާ ދެމެދު ދުވާލުގެ އެންމެ ހޫނު ގަދަ ވަގުތުތަކުގައި ހައްޖުވެރިން ހައިޑްރޭޓްވެ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި 240 މީހުން ވަނީ މަރުވެފަ އެވެ. އަދި 2015 ވަނަ އަހަރު ކުރިމަތިވި އެންމެ ނުރައްކާތެރި ޙައްޖު ކާރިސާގައި 2000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.