ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ދުއާ ކުރުމަށް ހައްޖު ޚުޡުބާގައި ގޮވާލައްވައިފި

ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ދުއާ ކުރުމަށް ހައްޖު ޚުޡުބާގައި ގޮވާލައްވައިފި

Author
ހުސައިން
15 ޖޫން 2024 02:41
0

ހާލުގައި ޖެހިފައިވާ، އަދި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހެޔޮ ދުއާ ކުރުމަށް މިއަދުގެ ހައްޖު ޚުޡުބާގައި ގޮވާލައްވައިފިއެވެ.

ޚުޡުބާގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދަތި ހާލުތައް އިހުސާސްކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ދަތިހާލުން އެމީހުން މިންޖު ކުރުމަށް އެންމެހާ މުސްލިމުންވެސް ދުއާ ދަންނަވަން ޖެހޭނެކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަކީ އަނިޔާ ލިބެމުންދާ ބައެއް ކަމުގައެވެ.

އަދި އެއްވެސް ބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވުމަށް މިއަދު ޙައްޖު ޚުޡުބާގައި ވަނީ ގޮވާލައްވާފައެއެވެ.

މިހާރު ކުރިޔަށްދާ މިއަދު ހައްޖު ޚުޡުބާގައި ގޮވާލައްވާފައިވަނީ އެކަކު އަނެކަކަށް އިހުސާންތެރި ވުމަށާއި، އެއްބަޔަކަށް އަނެއްބައެއްގެ މައްޗަށް އަނިޔާވެރި ނުވުމަށެވެ. އަދި އިންސާނުން ބައިބައި ކުރުވުމާއި އިންސާނުްނ ފިތުނަވެރި ކުރުވުމަކީ ޝައިތާނާގެ މަގުސަދެއް ކަމާއި، އެ މަގުސަދު ހާސިލްވިޔަ ނުދިނުމަށްވެސް ޚުޡުބާގައިވަނީ އިސްލާމީ އުއްމަތަށް ގޮވާލައްވާފައެވެ.

މިއަހަރުގެ ހައްޖު ޚުޡުބާގެ ތަރުޖަމާ 50 ބަހަކުން އިވިގެންދާނެ ކަމުގައި ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. މި ބަސްތަކުން އަރަފާތުގެ ޚުޡުބާ ތަރުޖަމާ ކުރެވިގެންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުންނަށް ޚުޡުބާއިން ދޭ ނަސޭހަތްތައް ތަރުޖަމާ ވެގެންދާނެއެވެ.

ކީރިތި ދެ މިސްކިތުގެ ދީނީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާ އަބްދުއްރަހްމާން އަލް ސުދައިސް ވިދާޅުވީ، މެދުމިނުގެ އިސްލާމްދީން ދަސްކޮށްދީ، އިންސާނިއްޔަތުގެ މެދުގައި ގާތްކަމާއި އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުކުރުމަށް ހިތްވަރު ދިނުމަށް މިއަދުގެ ޚުޡުބާގައި ގޮވާލައްވާފައެވެ.

މިއަހަރުގެ ޚުޠުބާ ދެއްވަމުންދަނީ ސަޢޫދީގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މަހެރު އަލް މުޢައިޤާލީއެވެ. އަރަފާތު ދުވަހު ޚުޠުބާ ދެއްވުމަށް ހަރަމްފުޅުގެ އިމާމެއް އަދި ދީނީ އިލްމުވެރިއެއް ކަމުގައިވާ އަލް މުޢައިޤާލީއަށް މިދިޔަ މަހު ވަނީ ޝާހީ ރުހުން ދީފައެވެ.

އުމުރުން 55 އަހަރުގެ ދީނީ އިލްމުވެރިޔާ އަކީ ސައުދީގެ މައްކާގައި ހުންނަ އިސްލާމް ދީނުގެ އެންމެ މާތް ބިނާ ކަމަށްވާ ހަރްމްފުޅުގައި ނަމާދުކުރާއިރު ކީރިތި ޤުރުއާން ވިދާޅުވުމަށް މަޝްހޫރު ދީނީ އިލްމުވެރިއެކެވެ.

ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިރުޝާދުގެ ދަށުން އަރަފާތު ޚުޠުބާ މާނަކުރުމަށް 2018 ވަނަ އަހަރު ފަށާފައިވަނީ ފަސް ބަހަކުންނެވެ. އަދި މަދު އަހަރުތަކެއްގެ ތެރޭގައި އެ އަދަދު ވަނީ 50 ބަހަށް އަރާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އެތެރެއާއި ބޭރުން 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ. ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން މިއަހަރުވެސް ވަނީ ފަސޭހަކަމާއެކު ޙައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ގިނަގުނަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.