މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ ގިނަ އަދަދެއްގެ އުޅަނދު ޓޯކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ޓޯ ކުރީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ކަމަށެވެ. އެ ވެހިކަލްތަކުގެ އަދަދު 163 އަށް އަރައެވެ. މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކްކޮށްގެން ޓޯކުރި އުޅަނދުތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި އޮތް 84 ވެހިކަލް ނަގާފައިވާ ކަމަށެވެ. އަދި އަމީނީ މަގު ދަރުބާރުގެއާ ހިސާބުން ފެށިގެން ބޮޑު ތަކުރުފާނު މަގުން އައިޖީއެމްއެޗްއާ ހަމައަށާއި ބޮޑުތަކުރުފާނު މަގު ސެނެހިޔާއާ ހިސާބުން ފެށިގެން މާގިރި ހޮޓެލްއާ ހަމައަށް ހިމެނޭ ގޮތުން، އިއްޒުދީން މަގު ބަސް ސްޓޮޕް ކައިރި ހުސްކޮށް 79 ވެހިކަލް ނެގި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ވެހިކަލްތައް ޕާކް ނުކުރަން އެދިފައެވެ.
ކާރު ފަދަ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކްކުރުން ހުއްޓުވަން މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ނުވަތަ ޕާކް ނުކުރެވޭ ގޮތަށް ދަގަނޑު ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި މިހާތަނަށް ރަޖިސްޓަރީ ނުކޮށް ގެންގުޅޭ ވެހިކަލެއް ވެސް ޓޯ ކުރި ކަމަށެވެ. އެ ވެހިކަލް ބާއްވާފައި އޮތީ އިއްޒުއްދީން މަގުގައެވެ.