ދިވެހި ހުރިހާ ޙައްޖުވެެރިން މިހާރު ތިބީ އަރަފާތުގައި، ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު

ދިވެހި ހުރިހާ ޙައްޖުވެެރިން މިހާރު ތިބީ އަރަފާތުގައި، ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު

Author
ހުސައިން
15 ޖޫން 2024 11:03
0

ދިވެހި ހުރިހާ ޙައްޖުވެެރިން މިހާރު ތިއްބެވީ އަރަފާތު ބިމުގައި ކަމަށާއި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމުގައި ހައްޖު މިޝަން އިން ބުނެފިއެވެ. ދިވެހި ހައްޖުވެރިން އަފަރާތު ބިމަށް ދިއުމަށް ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އަރަފާތުގައި ތިބުމަކީ ހައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ މުހިންމު ރުކުނެވެ. އެގޮތުގައި އަރަފާތުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ނުލިބިއްޖެނަމަ ހައްޖު ނުލިބޭނެއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާޒިރުވެތިބި މުސްލިމުން މިއަދު އަރަފާތު ބިމަށް ޖަމާވާއިރު، އަރަފާތު ބިމުގައި މިއަދު ފިނި ހޫނުމިން ހުންނާނީ 45 ޑިގްރީ ސެލްސިއަސްގައި ކަމުގައި ސައުދީ އަރަބިއާގެ ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މިއަދުގެ ޙައްޖު ޚުޡުބާގައި މެދުމިނުގެ އުސޫލުތަކަށް އިސްކަންދީ، އިންސާނިއްޔަތު އެއްބައިވަންތަ ކުރުވުމަށް ގޮވާލާނެ ކަމުގައި ސައުދީ އަރަބިއާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. މިއަދުގެ ޙައްޖު ޚުޡުބާ އިއްވަން ފައްޓަވާނީ ސައުދީ އަރަބިއާގެ ގަޑިން މެންދުރު 12:20 ގައެވެ. އެއީ ރާއްޖޭގެ ގަޑިން 2:20 ގައެވެ.

މިއަހަރުގެ ޚުޠުބާ ދެއްވާނީ ސަޢޫދީގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މަހެރު އަލް މުޢައިޤާލީއެވެ. އަރަފާތު ދުވަހު ޚުޠުބާ ދެއްވުމަށް ހަރަމްފުޅުގެ އިމާމެއް އަދި ދީނީ އިލްމުވެރިއެއް ކަމުގައިވާ އަލް މުޢައިޤާލީއަށް މިދިޔަ މަހު ވަނީ ޝާހީ ރުހުން ދީފައެވެ.

އުމުރުން 55 އަހަރުގެ ދީނީ އިލްމުވެރިޔާ އަކީ ސައުދީގެ މައްކާގައި ހުންނަ އިސްލާމް ދީނުގެ އެންމެ މާތް ބިނާ ކަމަށްވާ ހަރްމްފުޅުގައި ނަމާދުކުރާއިރު ކީރިތި ޤުރުއާން ވިދާޅުވުމަށް މަޝްހޫރު ދީނީ އިލްމުވެރިއެކެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ އެންމެ މަތިވެރި ދުވަސް ކަމުގައިވާ ޢަރަފާތު ދުވަހުގެ މުނާސަބަތުގައި ދެއްވާ ޚުޠުބާގައި މިއަހަރު 50 ބަހަކުން ތަރުޖަމާ ކުރެވިގެންދާނެ ކަމުގައި ސަޢޫދީގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ކީރިތި ދެ މިސްކިތުގެ ދީނީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާ އަބްދުއްރަހްމާން އަލް ސުދައިސް ވިދާޅުވީ، މެދުމިނުގެ އިސްލާމްދީން ދަސްކޮށްދީ، އިންސާނިއްޔަތުގެ މެދުގައި ގާތްކަމާއި އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުކުރުމަށް ހިތްވަރު ދިނުމަށް އަމާޒުކޮށް، މިއަދު އިއްވާ، ޚުޠުބާ ތަރުޖަމާ ކުރެވިގެންދާނެ ބަހުގެ އަދަދު 50 އަށް އިތުރުވެފައިވާ ކަމަށެވެ.

މި ބަސްތަކުން އަރަފާތުގެ ޚުޡުބާ ތަރުޖަމާ ކުރެވިގެންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުންނަށް ޚުޡުބާއިން ދޭ ނަސޭހަތްތައް ތަރުޖަމާ ވެގެންދާނެއެވެ.

ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިރުޝާދުގެ ދަށުން އަރަފާތު ޚުޠުބާ މާނަކުރުމަށް 2018 ވަނަ އަހަރު ފަށާފައިވަނީ ފަސް ބަހަކުންނެވެ. އަދި މަދު އަހަރުތަކެއްގެ ތެރޭގައި އެ އަދަދު ވަނީ 50 ބަހަށް އަރާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އެތެރެއާއި ބޭރުން 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ. ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން މިއަހަރުވެސް ވަނީ ފަސޭހަކަމާއެކު ޙައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ގިނަގުނަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.