ޓެލެތޯންގައި އެންމެން ބައިވެރިވުން މުހިންމު: ޒީނާ

ޓެލެތޯންގައި އެންމެން ބައިވެރިވުން މުހިންމު: ޒީނާ

Author
އަހުމަދު
12 ޖޫން 2024 12:25
0

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި ހުރިހާ އެންމެން ބައިވެރިވުން މުހިންމު ކަމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމުކޮށްގެން ފެށި ޓެލެތޯންގައި ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ ފަލަސްތީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާތޯ ޔަގީންކުރުމަށް މިނިވަން އޮޑިޓަރެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ޒީނާ ޒާހިރު ވިދާޅުވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދާ މިޓެލެތޯންގައި ހުރިހާ އެންމެން ބައިވެރިވުން މުހިއްމުކަމަށެވެ. އަދި މިއީ ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މި ޓެލެތޯންގެ ފަންޑު ރައިޒިން ހަރަކާތްތައް ކުރިއަށްދާ ގޮތް އަދި ލިބޭ ފައިސާ ފަލަސްޠީނަށް އެހީވުމަށް ކުރެވޭ މަސައްކަތްތައް ބެލުމަށް މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެހިފައިވާ ކަމަށެވެ.

މިޓެލެތޯން ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

ޓެލެތޯނުން ލިބޭ ފައިސާ ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އަންރުވާ ޖަމިއްޔާއަށެވެ. މިއީ ފަލަސްތީނަށް އެހީވުމަށް އދ. ގައި ގާއިމުކޮށްފައިވާ ޖަމިއްޔާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.