މަޖިލިހުގެ ޕީއެންސީގެ މެމްބަރުން ފަލަސްތީނަށް 200،000ރ. ހަދިޔާކޮށްފި

މަޖިލިހުގެ ޕީއެންސީގެ މެމްބަރުން ފަލަސްތީނަށް 200،000ރ. ހަދިޔާކޮށްފި

Author
އަހުމަދު
12 ޖޫން 2024 11:35
0

ރައްޔިތުންގެ މަޖިލިހުގެ ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން ފަލަސްތީނަށް 200،000ރ. ހަދިޔާކޮށްފިއެވެ.

ޕީއެންސީގެ މެމްބަރުން މި ފައިސާ ހަދިޔާ ކުރީ ޕީއެސްއެމުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށް ގެންދާ "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯންގެ ތެރެއިންނެވެ. މި ޓެލެތޯންގައި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ވަރަށް ގިނަ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ފައިސާގެ އެހީ މެމްބަރުންގެ ފަރާތުން ހަވާލުކޮށްދެއްވީ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ.

މި ޓެލެތޯންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައި ދެއްވި ޓެލެތޯން ބާއްވަނީ ވަރަށް މާތް މަގްސަދެއްގައި ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަސްތީނުގެ މައްސަލައިގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅަކީ ވެސް ރައީސް މުއިއްޒު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ ހައްގުގައި އެހީތެރިވެ ދިން ޕީއެންސީގެ ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދިވެހިންގެ ހިތުގައި މިހާރު އެންމެ ބޮޑަށް ވިންދު ޖަހާ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސައެވެ. އެހެންވެ ސިޔާސީ ވިސްނުމާ ދުރުވެ، މުސްލިމުންނަށް ދިމާވެފައިވާ މި މައްސަލައަށް އެހީތެރިވުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވިއެވެ.

މި ޓެލެތޯންއަކީ ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ޓެލެތޯން އަކަށް ހައްދަވައި ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"މަޖިލިސް ދެމި އޮންނާނީ ރައްޔިތުންނާ އެކުގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.