މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދިނުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމް އިން އިސް ނަގައިގެން ބައެއް މީޑިއާތަކާ ގުޅިގެން ހާއްސަ ޓެލެތޯނެއް މިއަދު ފަށައިފިއެވެ.
މި ޓެލެތޯން ފައްޓަވައި ދެއްވީ ޓީވީއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޓެލެތޯން މިރޭ 12:00 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ފަލަސްތީޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓައިފައެވެ.
މި ފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓެއް އިރު އޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10 ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ.
ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ވެސް ފަސޭހައިން އޮންލައިންކޮށް ވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދެ އެކައުންޓެއްވަނީ ހުޅުވާފައެވެ.
އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.