ބޮލީވުޑްގެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް މި މަހު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނި ގޮތުގައި، ސޮނާކްޝީ އާއި އޭނާގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ އެކްޓަރު ޒަހީރު އިގްބާލްގެ ކައިވެނީގެ ހަފުލާތައް ބާއްވަނީ އިންޑިއާގެ މުމްބާއީގަ އެވެ. މި ކައިވެނި އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގައި ކަމަށްވެއެވެ. އެހެންވެ ދެ ފަރާތުގެ އާއިލާ އިން ހަފުލާ އަށް މިހާރު ވެސް ތައްޔާރީތައް ވާން ފަށާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
މި ދެ ތަރިން ވެސް ބޮލީވުޑަށް ނުކުތީ ސަލްމާން ހާންގެ ފިލްމަކުންނެވެ. ސޮނާކްޝީ ފުރަތަމަ ކުޅުނީ 2010 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަބަންގް" އެވެ. އަދި ޒަހީރުގެ ފުރަތަމަ ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި "ނޯޓްބުކް" އެވެ. މި ދެ ތެރިން އެކުގައި ވަނީ ފިލްމު "ޑަބަލް އެކްސެލް" އިން ފެނިފަ އެވެ.
ސޮނާކްޝީ، 37، އާއި ޒަހީރު، 33، ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވެމުން އަންނަނީ 2018 އިން ފެށިގެންނެވެ. އަދި އެ މީހުން އެކަން ޔަގީންކޮށް ދީފައި ވަނީ 2022 ގަ އެވެ.
ސޮނާކްޝީ އާއި ޒަހީރުގެ އާއިލާ އަކީ ސަލްމާނާ ވަރަށް ގާތް ގުޅުމެއް އޮންނަ އާއިލާތަކެކެވެ. ސޮނާކްޝީ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅެވެ. ޒަހީރަކީ ސަލްމާންގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ ވިޔަފާރިވެރިޔާ އިގްބާލް ރަތުނާސީގެ ދަރިއެކެވެ.