ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ފަށުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕް މުބާރާތަކީ ބެޑްމިންޓަންގެ ތާރީހުގައި ރާއްޖޭގައި ބާއްވާ ލޯކަލް އެންމެ ފޯރިގަދަ މުބާރާތަށް ވާނެކަމަށް އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ މި މުބާރާތުގައި ވާދަކުރާ ދެ ޓީމްކަމަށްވާ ސީއެސް ސްޕޯޓްސްއާއި ދަ ގޯޅި ސްޕޯޓްސް ކްލަބުގެ ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މޫސަ ވިދާޅުވީ ކޮވިޑްގެ ހާއްސަ ހާލަތާ ގުޅިގެން މުބާރާތެއް ނުބޭއްވި ގިނަދުވަސްތަކެއް ވީފަހުން ބާއްވާ މި ބުރާތައް ކްލަބްތަކުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން ޖުމްލަ 8 ޓީމް މުބާރާތުގައި ވާދަކުރާއިރު މުބާރާތްކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ސީއެސް ބެޑްމިންޓަން އެކަޑީމީގެ ފުރާޅުގެ ދަށުން މި މުބާރާތަށް ނިކުންނަ ސީއެސް ސްޕޯޓްސް އާއި ގޯޅި ސްޕޯޓްސް ކްލަބުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބެޑްމިންޓަން ކޯޓްތަކުގައި ނަން ވިދާލި ކުޅުންތެރިންކަމަށާއި މި ކުޅުންތެރިން އަހަރުތަކަކަށްފަހު އެނބުރި ކުޅިވަރާ ގުޅުނުކަމީ ބެޑްމިންޓަން ލިބިގެންދާ ކުރިއެރުމެއްގެ ގޮތުގައި މޫސަ ފާހަގަކުރިއެވެ.
ސީއެސް ސްޕޯޓްސް ކްލަބަކީ 2018 ވަނަ އަހަރުގެ ފުރަތަމަ ޑިވިޝަންގެ ގައުމީ ޗެމްޕިއަނެވެ. އަދި މިދިޔަ އަހަރުގެ ރަނަރރަޕެވެ. ގޯޅި ސްޕޯޓްސް ކްލަބަކީ 2018 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގެ ރަނަރރަޕެވެ. އަދި މިދިޔަ އަހަރުގެ މުބާރުގެ ތިންވަނައެވެ.
މުބާރާތުގަ ވާދަކުރާ ސީއެސް ސްޕޯޓްސް ކުލަބާއި ދަ ގޯޅި ސްޕޯޓްސް ކުލަބުގެ މީޑިޔާ ޕާޓްނަރަކީ ޚަބަރު އޮންލައިނެވެ.