20 ވަނަ ރައްޔިތުންގެ މަޖިލީހާމެދުކުރާ އެންމެ ބޮޑު އުއްމީދަކީ އެމަޖީލިހަށް އޮންނަންޖެހޭ އިތުބާރު އަނބުރާ ހޯދުން ކަމުގައި ފެށިގެންދިޔަ އާ މަޖިލިހުގެ ރައީސްކަމަށް އިންތިޚާބު ކުރެވުނު، ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލިސް ވެގެންދާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާނެ މަޖިލީހަކަށް ކަމުގައެވެ. އަބުދުއްރަހީމް ވިދާޅުވީ މަޖިލީހުން ބަލާނީ މައްސަލަ ހުށަހަޅާ މީހާއަށް ނޫންކަމަށާއި ބަލާނީ ހުށަހަޅާ މައްސަލައަށް ކަމުގައެވެ.
މިސާލަކަށް ބައްލަވާ އަޅުގަޑުމެން މަޖިލިސް ފެށި ދުވަހު އެންމެ ފުރަތަމަ ކުއްލި މައްސަލައެއް ހުށަހެޅީ އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު. 12 މެމްބަރުން އެބޭފުޅުންގެ ތިއްބެވީ. އަޅުގަޑުމެން ބޭނުންނަމަ ހަމަ އެ ބޭރުކޮށްލާކަށް އެއްވެސް އުދަގޫ ކަމެއްނޫން. އެކަމަކު އެ ރައްޔިތުންނާ ގުޅުވާފަ އޮތީ. އެހެންވީމަ އަޅުގަޑުމެން ބޭނުންވީ އެ ބަލައިގަނެގެން އޭގެ ވާހަކަ ދައްކަން. އެއީ ރައްޔިތުން އެދޭނެ ގޮތަކީ.
އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ ރައްޔިތުންނާއި ގުޅންހުރިކަމެއް ހުށަހެޅުނީމަ ބަހުސް ނުކުރެވޭ މަޖިލީހެއް ރައްޔިތުން ބަލައި ނުގަންނާނެ ކަމުގައެވެ. އަދި މި ޤައުމާ ޤައުމުގެ ރައްޔިތުންގެ ހައްޤުގައި ކުރެވޭ މަސައްކަތްތަކަށްވެސް ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނެ ކަމުގައިވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.
އަލަށް އިންތިޚާބު ކުރެވުނު ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތްއިރު މަޖިލިހުގައި ތިއްބެވީ އިނދިކޮޅު އެންމެ 12 މެމްބަރުންނެވެ. އޭގެ އިތުރަށް ތިއްބެވީ ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ އެންމެ މެމްބަރަކާއި އެމްޑީއޭއަށް ނިސްބަތްވާ 2 މެމްބަރަކާއި އެމްއެންޕީއަށް ނިސްބަތްވާ އެންމެ މެމްބަރެކެވެ. އެމެމްބަރުންވެސް ތާއީދު ކުރަނީ ސަރުކާރަށެވެ.