އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮނުއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި ރައީސް ޑރ. މުއިއްޒު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.
މޯދީ، ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އާދިއްތަ ދުވަހު އިންޑިއާގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް މޯދީ ވަނީ ދެއްވައިފައެވެ. އޭގެ ތެރޭގައި ރާއްޖެ، ސްރީލަންކާ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެއެވެ.
މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް މުއިއްޒަށް ލިބިވަޑައިގަތީ މިއަދެވެ. އެމަނިކުފާނު މިހާރު ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވައިފައެވެ. ރައީސް މުއިއްޒު އިންޑިއާ އަށް ފުރާވަޑައިގަންނަވާނެ ވަކި ތާރީހެއް ނުނިންމެވި ނަމަވެސް މި ހަފްތާ ބަންދުގައި އެމަނިކުފާނު ފުރާވަޑައިގަންނަވާނެއެވެ. އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގެ ހުރިހާ ކަމެއް ބަލަހައްޓަވާނީ ވެސް އިންޑިއާ ސަރުކާރުންނެވެ.
މޯދީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ މޯދީ އަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އިންޑިއާގެ ތަަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުން ވެސް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ޑރ.މުއިއްޒު ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަގުހުރި އަދި އަވަށްޓެރި ގައުމެއް ކަމަށެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ އާންމު އިންތިހާބު މޯދީގެ ބަރަތުޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނުން ކާމިޔާބު ކުރީ 293 ގޮނޑި ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ