އިންޑިއާގެ އާންމު އިންތިޚާބަކީ މުޅި ދުނިޔޭގައިވެސް ބޭއްވޭ ޑިމޮކްރެޓިކް އެންމެ ބޮޑު އިންތިޚާބެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިވަގުތު ދުނިޔޭގައި ދެވަނައަށް އޮތް އެންމެ ބޮޑު އާބާދީއަށް ވުމުގެ އިތުރުން އެގައުމަކީ ދުނިޔޭގައި އޮތް އާބާދީ ބޮޑު ޑިމޮކްރަސީއަށް ވާތީއެވެ. ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ޗައިނާއަކީ ޑިމޮކްރެޓިކް ވެރިކަމެއް އޮތް ގައުމެއް ނޫނެވެ. އެގައުމުގައި އޮތީ ކޮމިއުނިސްޓް ވެރިކަމެކެވެ.
އެހެންކަމުން އިންޑިއާގައި ބޭއްވޭ އާންމު އިންތިޚާބުވެސް ވެގެންދަނީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ޑިމޮކްރަޓިކް އިންތިޚާބު ކަމުގައެވެ. އަދި އެއީ ވޯޓުލުމުގެ މަރުހަލާ އެންމެ ދިގުލައިގެންދާ އިންތިޚާބުވެސް މެއެވެ. 642 މިލިއަން މީހުން ވޯޓުލީ މި އިންތިޚާބުފެ ވޯޓުލުން އެންމެ ފުރަތަމަ ފެށިގެން އައީ އެޕްރިލްމަހުގެ 19 ވަނަ ދުވަހުއެވެ. 7 މަރުހަލާއަކަށް ބަހާލައުގެން ކުރިޔަށްދިޔަ ވޯޓުލުން ލިބި ވޯޓު ގުނާފައިވަނީ އޭގެ ދޮޅުމަހެއްހާ ދުވަސް ފަހުން، މި ޖޫންމަހުގެ 2 ވަނަ ދުވަހުއެވެ.
އެގޮތުން ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް އިންޑިއާގެ އާންމު އިންތިޚާބު ބެލެވިފައިވަނީ ވަރަށްވެސް ތަފާތު، ބޮޑު އިންތިޚާބެއްގެ ގޮތުގައެވެ.
ސަރުކާރު އުފެއްދުމުގެ ޖާގަ ލިބުނު ނަމަވެސް، މޯދީއަށް ބޮޑު ނާކާމިޔާބީއެއް!
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ދިހަ ވަރަކަށް އަހަރު ފަހުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިގެން ދިޔައީ މި އިންތިޚާބުގައެވެ.
ގާތްގަޑަކަށް 2 މަސްދުވަހަށް ކުރިޔަށްދިޔަ، ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ޑިމޮކްރެޓިކް އިންތިޚާބުގެ ވޯޓުލުން ނިމި، ވޯޓު ގުނާ ނިމުނުއިރު، އިންޑިއަން ނޭޝަނަލް ކޮންގްރެސް އިސްވެ އޮވެ އުފެއްދި ކޯލިޝަންއިން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް، ހިންދޫންގެ ވަތަނީ ޕާޓީ ބީޖޭޕީއަށް ސަރުކާރެއް އުފައްދަން ޖާގަ ލިބިގެން ދިޔައީ އެޕާޓީ ހިމެނޭ ކޯލިޝަންގެ އެހެން ޕާޓީތަކުގެ އެހީތެރިކަން ހޯދައިގެންނެވެ.
އިންޑިއާގައި ބޭއްވުނު އާންމު އިންތިޚާބު ބީޖޭޕީ ކޯލިޝަނުން ކާމިޔާބު ކުރިއިރު އެޕާޓީއަށް ކާމިޔާބު ކުރެވުނީ 240 ގޮނޑިއެވެ. މިއީ 2019 ވަނަ އަހަރު އެޕާޓީން ކާމިިޔާބު ކުރި 303 ގޮނޑިއަށްވުރެ ވަރަށްވެސް ދަށް ނަތީޖާއެކެވެ.
އެހެންކަމުން، ބީޖޭޕީއަށް އެކަނި ސަރުކާރެއް އުފެއްދޭވަރުގެ ކާމިޔާބީއެއް މިއިންތިޚާބުގައި ހޯދިފައެއް ނުވެއެވެ. އެއްވެސް އަމިއްލަ ޕާޓީއަކަށް ސަރުކާރެއް އުފެެއްދެނީ 543 ގޮނޑި ހިމެނޭ ގާނޫނުހަދާ މަޖިލުހެ 272 ގޮނޑި ލިބިގެންނެވެ. އެހެންނަމަވެސް ބީޖޭޕީގެ ކޯލިޝަނަށް ޖުމްލަ 293 ގޮނޑި ކާމިޔާބު ކުރެވިފައި ވެއެވެ.
އެހެންކަމުން ބީޖޭޕީ ކޯލިޝަނަށް ސަރުކާރު އުފެއްދުމުގެ ޖާގަވަނީ ލިބިގެން ގޮސްފައެވެ.
މިއިންތިޚާބު ވެގެންދިޔައީ ފާއިތުވި 10 އަހަރުތެރޭގައިވެސް ގާނޫނުހަދާ މަޖިލިހުގައި ބީޖޭޕީއަށް އޮތް މެޖޯރިޓީ ގެއްލިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި އިންތިޚާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީ މައި ޕާޓީއެއްގެ ގޮތުގައި އޮތް ކޯލިޝަނުންވަނީ 232 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެހެން ޕާޓީތަކަށް ކާމިޔާބު ކުރެވިފައިވަނީ 18 ގޮނޑިއެވެ.
މިއިންތިޚާބުގެ ނަތީޖާއަށްފަހު ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރާހޫލް ގާނދީ ވިދާޅުވެފައިވަނީ، އިންޑިއާގެ ރައްޔިތުން ބޮޑުވަޒީރު މޯދީއަށް އަދަބު ދީފައިވާކަމަށާއި، ނަތީޖާއިން ބުނެދިނީ އެގައުމުގެ ގާނޫނު އަސާސީއަށް ބަދަލުގެނައުމަށް މޯދީ ގެންގުޅެމުންދާ ވިސްނުމާއި އެގައުމުގެ ރައްޔިތުން ދެކޮޅުކަން ކަމުގައެވެ.
މޯދީގެ ވައުދު: އިންޑިއާއިން ފަގީރުކަން ނައްތާލުން!
އިންތިޚާބުގެ ކާމިޔާބީއަށްފަހު ތާއީދުކުރާ ފަރާތްތަކާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ އިންތިޚާބުގައި ޕީޖޭޕީއަށް ލިބިގެންދިޔައީ ތާރީޚީ ކާމިޔާބީއެއް ކަމުގައެވެ. އެގޮތުން، ހޮނިހިރުދުވަހު ނިމިގެންދިޔަ އިންޑިއާގެ އާންމު އިންތިޚާބު ބީޖޭޕީއިން ކާމިޔާބު ކޮށްފައިވާކަން ހާމަކުރައްވަމުން މޯދީ ވިދާޅުވީ ބީޖޭޕީ ކޯލިޝަނަށް އިންޑިއާގެ ރައްޔިތުން "ޖެހިޖެހިގެން ތިން ވަނަ ފަހަރަށް" އިތުބާރު ކޮށްފައިވާ ކަމަށެވެ.
"މިއީ އިންޑިއާގެ ތާރީހުގައި ވެސް ލިބުނު ތާރީހީ ކާމިޔާބީއެއް،" ނިއު ދިއްލީގައި ޕާޓީގެ އެކްޓިވިސްޓުންނާ މުހާތަބު ކުރައްވާނެ ކަމަށް ބެލެވޭތާ ކުޑަ އިރުކޮޅެއް ކުރިން އެކްސްގައި މޯދީ ލިޔުއްވާފައިވެ އެވެ.
މޯދީ ވަނީ އޭނާގެ ޕާޓީގެ އެކްޓިވިސްޓުންގެ "ލޯތްބަށް" ޝުކުރު އަދާކުރައްވައި، "ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމުގައި ދެމިތިބުމަށް ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ކުރެވުނު ރަނގަޅު މަސައްކަތްތައް ކުރިއަށް ގެންދަވާނެ" ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. "އެމީހުންގެ އާދަޔާ ޚިލާފު މަސައްކަތްތަކަށް އަހަރެމެންނަށް ދުވަހަކުވެ ބަދަލެއް ނުދެވޭނެ" މޯދީ ވިދާޅުވިއެވެ.
މޯދީގެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ ބީޖޭޕީއަކީ އިންޑިއާއިން ފަގީރުކަން ނައްތާލާ ޕާޓީ ކަމަށާއި، އިންޑިއާއިން ފަގީރުކަން އިންޑިއާއިން ނެތިގެން ނުދަނީސް ދޫ ނުދެއްވާނެ ކަމުގައެވެ. މޯދީ ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމުގައި 250 މިލިއަން ރައްޔިތުންގެ ފަގީރުކަމުން ނައްތާލާފައިވާ ކަމަށާއި، އޭނާ އެންމެ ބޮޑު އަމާޒަކީ އިންޑިއާއަކީ ފަގީރުކަން ނައްތާލާފައިވާ ގައުމަކަށް ހެދުން ކަމުގައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ އާބާދީގެ %14.96 ދިރިއުޅެމުންދަނީ ފަގީރުކަމުގައެވެ. ޔޫއެންއިން ކަނޑައަޅާފައި މިންގަޑުތަކަށް ބަލާއިރު، އިންޑިއާގެ އާބާދީގެ 260 މިލިއަން ރައްޔިތުންނަކީ ޕަވަރޓީ ލައިން (ބައިނަލްއަގުވާމީ ގޮތުން ފަގީރުންގެ ގޮތުގައި ކަނޑައަޅާ މިންގަޑު)އިން ދަށުގައި ދިރިއުމުންދާ މީހުންނެވެ.