ރައްޔިތުންގެ މަޖިލިސްގޭ ކުރިމަތީގައި މެދުޒިޔާރަތް މަގަށް ވާގޮތަށް އޮންނަ ޕާކިންގ ޒޯނުގައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ރޭ ދަންވަރު 03:03 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 03:15 ހާއިރުއެވެ.
މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ފަސް ސައިކަލާއި ދެ ވޭނަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.