ފަލަސްތީނަށް އެހީވުމަށް މުޅި ރާއްޖޭގައި ފަންޑު ރައިސިން ހަރަކާތެއް ބޭއްވުމަށް ކެބިނެޓުން ނިންމައިފި

ފަލަސްތީނަށް އެހީވުމަށް މުޅި ރާއްޖޭގައި ފަންޑު ރައިސިން ހަރަކާތެއް ބޭއްވުމަށް ކެބިނެޓުން ނިންމައިފި

Author
ޙަސަން މުޙައްމަދު
02 ޖޫން 2024 06:18
0

ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން، މުޅި ރާއްޖޭގައި ފަންޑު ރައިސިން ހަރަކާތެއް ބޭއްވުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ މި ފަންޑު ރެއިސިން ހަރަކާތް ހިންގަނީ ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމުގައެވެ.

މީގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ. ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވައިފައެވެ.

ސަރުކާރުން މިހާރު ވަނީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ނިންމާފައެވެ. އެގޮތުން އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމަވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.