1 ނަންބަރު ނުވަތަ 2 ނަންބަރުގެ ޑޮމެއިން ޓްރާންސްޕޯޓު މިނިސްޓްރީން ވަރަށް އަވަހަށް ވިއްކަން ފަށާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ޓްރާންސްޕޯޓު މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އެހެންނަމަވެސް މި އާ ޑޮމެއިންތައް ވިއްކަން ފަށާނީ، އެ މިނިސްޓްރީގެ ރެކޯޑު ބަލަހައްޓާ އާ ސޮފްޓްވެއަރ ގާއިމް ކުރެވުމުން ކަމުގައެވެ. އޭނާ ވިދާޅުވީ މި ސޮފްޓްވެއަރ ގާއިމް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ މާލޭ ސަރަހައްދުގައި، ވަގު ނަންބަރު ބޯޑު ބޭނުންކޮށްގެން ދުއްވަމުންދާ އެއްގަމު އުޅަނދުތައް ވަރަށް އަވަހަށް ނަގަން ފަށާނެކަމަށެވެ. އަމީން ވިދާޅުވީ މާލޭ މަގުތަކުގައި ވަގު ނަންބަރު ބޯޑު ޖަހާފައި ހުރި ވެހިކަލްތައް މިނިސްޓްރީން ނަގަން ފަށާނެ ކަމަށާއި، ވެހިކަލް ބެލެހެއްޓޭން ފުރިހަމަ ނިޒާމެއް މިނިސްޓްރީން ގާއިމް ކުރާނެ ކަމުގައެވެ.
އޭގެ އިތުރުން އަމީން ވިދާޅުވީ 18% އާއި %21 އާ ދެމެދުގެ އަދަދެއްގެ ބޭފުޅުން ވެހިކަލް ދޫކޮށްލަން ބޭނުންވާކަމަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާ ކަމަށާއި، މާލޭގެ ވެހިކަލް ޕޮޕިއުލޭޝަން އެކަށަ އެޅުމަށްފަހު، ވެހިކަލްތައް ދޫކޮށްލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެކަމުގެ ހައްލު ހޯދުމަށް މަނިސްޓްރީން މަސައްކަތް ފަށާނެ ކަމުގައެވެ.
އޭނާ ވިދާޅުވީ ހެދިފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، އެކި ސަބަބުތަކާހުރެ އުޅަނދުތައް ދޫކޮށްލަން ބޭންނުވެފައިތިބި ފަރާތްތަކުގެ އަދަދަ %18 21% އާ ދެމެދުގަ އުޅޭ ކަމަށެވެ. އެހެންނަކަމުން އެ ވަރާތްތަކަށް ހައްލެއް ހޯދާ ދެވިއްޖަނަމަ މާލޭއަށް ބާރު ބޮޑުވެފައިވާ މައްސަލައަށް އެދެވޭ ހައްލެއް ލިބެމުންދާނެކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ވެހިކަލް ޕޮޕިއުލޭޝަން އެކަށައެޅި، އަދި ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް "ބައި ބެކް" ޕްރޮގްރާމެއް ހިންގާލެވިއްޖެނަމަ މާލެއަށް ކުރިމަތިވެފައިވާ ވެހިކަލް ޕޮޕިއުލޭޝަންގެ މައްސަލައަށް ދެންދާނީ ހައްލު ލިބެމުން ކަމުގައެވެ.