ވެރިކަންކުރާ ޕީއެންސީއަށް ލިބިފައިވާ އަޣުލަބިއްޔަތު ބޭނުން ކުރާނީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް މިއަދު މަޖިލީހުން އިންތިޚާބުކުރި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބުދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުންނެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ މަޖިލިހުގެ އަމާޒަކަށް ވާނީ، ރައީސް މުއިއްޒު ބޭނުންފުޅުވާ ސްޕީޑުގައި ކަންކަން ނިންމުމަށް އެއްބާރުލުން ދިނުން ކަމުގައެވެ. އަދި އަބުދުއްރަހީމް ވަނީ މަޖިލިހުގެ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަޤީންކަންވެސް ދީފައެވެ.
އަޅުގަނޑުމެން ޤަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މިހާ ތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުން އަޅުގަނޑުމެންނަށް ދިނީ އެގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އޮތީމައޭ. ރައީސް ވިދާޅުވަމުން ގެންދަވާގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކުގައި އަބަދުވެސް ޕީއެންސީން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އޮތީމަ މިހާތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުން އެ ދެއްވީ. އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަޣުލަބިއްޔަތު ބޭނުން ކުރާނީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް.
އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެގައިވަނީ މެޖޯރިޓީން މަސައްކަތް ކުރާނީ މައިނޯރިޓީއަށް ބޭނުންވާ ޖާގަ ފުރިހަމައަށް ދީގެން ކަމުގައެވެ.
އާ މަޖިލިހުގެ މެމްބަރުން މިއަދު ހުވާ ކުރެއްވިއިރު ވިހިވަނަ މަޖިލީހުގައި ޕީއެންސީއަށް 75 މެންބަރުންނާއެކު ސުޕަމެޖޯރިޓީއެއް ވަނީ ކަށަވަރުވެފައެވެ. މިއީ މިހާތަނަށް މަޖިލީހުގައި ޕާޓީއަކަށް ލިބުނު އެންމެ ބޮޑު މެޖޯރިޓީއެވެ.