މި އަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރާނީ ރ. އިނގުރައިދޫ އާއި ދ. ކުޑަހުވަދޫ އާއި ގއ. ވިލިނގިލީގައި ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ކަނޑައަޅައި އެކަން މިއަދު އިއުލާންކޮށްފި އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމާފައި ވަނީ ރާއްޖޭގެ އުތުރުން އެއް ރަށުގައި، މެދުރާއްޖެ ތެރެއިން އެއް ރަށުގައި އަދި ދެކުނުގެ އެއް ރަށުގައި އީދު ފާހަގަ ކުރުމަށެވެ. އުތުރުން އީދު ފާހަގަ ކުރާނީ އިނގުރައިދޫގައެވެ. މެދުރާއްޖެ ތެރޭގެ ރަށްތަކުގެ ތެރެއިން ކުޑަހުވަދޫގައި އީދު ފާހަގަ ކުރާއިރު، ދެކުނުގައި އީދު ފާހަގަ ކުރާނީ ވިލިނގިލީގައެވެ.
އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށް ރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 25 ގައެވެ. އެ ފުރުސަތު ހަމަވިއިރު 26 ރަށަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އެއީ ރާއްޖޭގެ އުތުރުން ހަތް ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށެކެވެ.
އެ ވުޒާރާ އިން ބުނީ ރަށްތައް ކަނޑައެޅުމުގައި ބެލި ކަންތައްތަކުގެ ތެރޭގައި، އީދުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކުރާނެ ހަރަދުތަކާއި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ ކަމަށެވެ.
އަޟްޙާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބަލައި މާކްސް ދިނުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލިއެވެ. ޕްރޮޕޯސަލްތައް ބަލައި މާކްސްދީ، ރަށްތައް ކަނޑައެޅީ މި ކޮމިޓީންނެވެ
ކޮމެންޓު ފޮނުވާ