ސަޢޫދީގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސަޢޫދީގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

Author
ޢަލީ އާދަމް
21 ޑިސެމްބަރ 2020 02:54
0

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރައްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ.

ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާ، ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސަޢޫދީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ، ވަކީން ޚާއްޞަކޮށް ގެދޮރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްޤީއާ ގުޅޭގޮތުން މި އަހަރު ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑާލުމަށްފަހު ޙައްޖާއި ޢުމްރާވުމުގެ ފުރުޞަތު ސަޢޫދީ ސަރުކާރުން އަލުން ހުޅުވައިލެއްވުމުން ރައީސުލްޖުމްހޫރިއްޔާ އެ ކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ވަކީން ޚާއްޞަކޮށް އިސްލާމީ ދުނިޔެއާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ފޯރަމްތަކުގައި އެ ގައުމުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލްޢަޒީޒާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ސަޢޫދީ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.