މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނަން: ފުވާދު

މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނަން: ފުވާދު

ގުޅުންހުރި

ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންތެރެއިން، މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތުގައި މާލީ ބަޔާން ހުށަނާލާ ކެނޑިޑޭޓުންނާމެދި ގާނޫނުގައި ވާގޮތުގެމަތިން ފިޔަވަޅުއަޅާނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައި ނުވަނީ 48 ބޭފުޅުން ކަމުގައެވެ. މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލާފަ އޮތީ ފާއިތުވި ބުދަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވިއިރު 48 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ އެ 48 ބޭފުޅުންގެ ތެރޭގައި، ގާނޫނުގައި ބުނާ ވަގުތު ހަމަވީ ފަހުން މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުން ވެސް ހިމެނޭ ކަމުގައެވެ.

ގާނޫނުގައި ބުނާ ވަގުތުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުންނެވެ.

މި ކަމާއި ގުޅިގެން އީސީގެ ކުރީގެ ނައިބު ރައީސް އިސްމާޢިލް ހަބީބް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ވިޔަސް ނުވަތަ ނުވިޔަސް، އެދުވަހުގެ ކުރިން އީސީއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައިފިނަމަ، ގާނޫނުގައި ބުނާ ގޮތަށް އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށެވެ.

މިގޮތުން، އޭނާ ވިދާޅުވީ، އެ މެންބަރުންނަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އަންނާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅައިފިނަމަ، ގާނޫނުގަ އޮންނަނީ ޖަލު ހުކުމެއް ނޫނީ ޖޫރިމަނާ ކޮންމެސް އެކައްޗެއް އަންނާނެ. އެ ދެން ޕީޖީން ނިންމާ ގޮތަކަށް އެކަން ކުރިއަށް ދާނީ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒަކަރިއްޔާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ކޮމިޝަނުން އެ ބޭފުޅުންވެސް އޭރު ޖޫރިމަނާކޮށްފައިވެ އެވެ. އެގޮތުން ކޮންމެ ކެންޑިޑޭޓަކު 20،000 ރުފިޔާ އިން ޖޫރިމަނާކޮށް ކެންޑިޑޭޓުންގެ ރަސްމީ އެޖެންޓުން 6،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ