ފެނަކައިގެ ކޮރަޕްޝަން ވާހަކަ ދައްކަނީ ހޯދަމުންދާ ކާމިޔާބީގެ ބޮޑުކަމުން: ފެނަކަ

ފެނަކައިގެ ކޮރަޕްޝަން ވާހަކަ ދައްކަނީ ހޯދަމުންދާ ކާމިޔާބީގެ ބޮޑުކަމުން: ފެނަކަ

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 12:32
0

ފެނައިގެ ވެރިންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ދޮގުވާހަކަ ދައްކައި އަބުރު ކަތިލަމުންދަނީ ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ ބަޔަކު ކަމުގައި ފެނަކައިން ބުނެފިއެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފާއިތުވެ ދިޔަ މާޒީގައި ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ޚިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ، ކިލަނބުވެފައި ވަނިކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުންފެށިގެން މިއަދާއި ހަމައަށް ކުންފުނީގެ ހިނގުމަށް ގެނެވުނު އިންޤިލާބީ ބަދަލާއި ގުޅިގެން ބަޔަކު ޙަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނާއިމެދު މިހާރު ދެކެވެމުންދާ ޙަޤީޤަތާއި ޚިލާފު ވާހަކަތަކަކީ، މިއަދު ހޯދިފައި، އަދި ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ މަދު ބަޔަކު، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ ޢަބުރު ކަތިލުމަށް ހިންގަމުންދާ ނާތަހުޒީބު ފިނޑި ޢަމަލެއްކަމުގައި ފެނަކަ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ފެނަކައިން ބުނީ ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑު ކިޔުއްވުމަށް މަރުހަބާ ކިޔާކަމަށެވެ. ނަމަވެސް ކުންފުންޏާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު، ސާބިތު ނުހިފޭ ދޮގުވާހަކަތައް ފެތުރުމަށް ފެނަކަ އިން ފުރުޞަތު ނުދޭނެކަމަށެވެ.

އަދި ކުންފުންޏާއި ކުންފުނީގެ ވެރިންނާއި މެދު ވިޔަސް، އެކިފަރާތްތަކުން ޝާއިޢު ކުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކައަކުން، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށްވެސް ފަސްޖެހުމަކާއި ނުލާ ޚިދުމަތުގެ މައިދާނުގައި ފެނަކަ އިން މަސައްކަތް ކުރާނެ ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވާ ކަމަށް ވެސް ފެނަކަ ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި އެތައް ތުހުމަތުތަކެއްކޮށް އެންޓި ކޮރަޕްޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.