ޑީއެންއޭ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމީ މައްސަލައަށް ރިއާޔަތްނުކޮށް: ޕީޖީ

ޑީއެންއޭ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމީ މައްސަލައަށް ރިއާޔަތްނުކޮށް: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 11:30
0

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން، ޒިނޭކުރި ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން އުފުލި ޒިނޭގެ ދައުވާ އުފުލި މީހާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.

ޒިނޭގެ ދައުވާ އުފުލި މީހާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ އަސާސް ބިނާވެފައި ވަނީ، އޭނާ ޒިނޭކުރި އަންހެން މީހާ ވިހެއި ކުއްޖާ އަކީ، ދައުވާ އުފުލާފައިވާ މީހާ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށެވެ. އަދި އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި، އަންހެން މީހާ ވިހެއި ކުއްޖާގެ ޑީއެންއޭ އާއި ދައުވާ ރައްދުވާ މީހާގެ ޑީއެންއޭ އާ ދިމާވާތީއެވެ. ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ދައުވާ ރައްދުވާ މީހާގެ މައްޗަށް ހުށަހެޅުނު ދައުވާއަށް އޭނާ އިންކާރު ކޮށްފައިވާ ކަމަށާއި ދައުލަތުން ދައުވާ ރައްދުވާ މީހާގެ މައްޗަށް ކުރި ޒިނޭގެ ދައުވާ ސާބިތު ކުރުމުގެ ގޮތުން 4 ފިރިހެނުން، ހެކިންގެ ގޮތުގައި ހުށަހަޅާފައި ނުވާ ކަމަށެވެ.

ހައިކޯޓުގެ ނިންމުމާއި ގުޅޭގޮތުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ހައިކޯޓުގެ މައްސަލައިގައި ޑީއެންއޭ އާ ބެހޭ ގޮތުން ލިޔުއްވާފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 4 ނަންބަރު ފަތުވާއާ ޙަވާލާދީކަމަށެވެ. މިލިޔުމުގެ ބޭނުމަކީ އެފަތުވާގެ ޞައްޙަކަން ދިރާސާކުރުމެއް ނޫންކަމަށާއި، އެއީ ވަކި މައުޟޫއެއްކަމަށެވެ. މިލިޔުމުގައި ބަލަން މިއުޅެނީ، ޑީއެންއޭއަކީ ޖިނާއީ ކުށް ސާބިތު ކުރަން ބޭނުން ކުރެވޭނެ ހެއްކެއްކަން ނުވަތަ ނޫންކަމަށެވެ.

މިމައްސަލައިގައި ޑީއެންއޭ ބަލައި ނުގަނެވޭނެކަމަށް ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމުގެ މިސްރާބު ހުރީ ދައުލަތުން ހުށަހެޅި ކަމާ ދިމާލަކަށް ނޫން. އެމިސްރާބު ރަނގަޅުވިނަމަ، ޑީއެންއޭއާބެހޭ ގޮތުން ސުވާލެއް އުފެދޭނެ ޖާގައެއް ނޯތީހެވެ.

– ޕީޖީ ވިދާޅުވިއެވެ.

ޑީއެންއޭއަކީ މިމައްސަލައިގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހަރުދަނާ ޤަރީނާއެއްކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. އެނޫން ގޮތަކަށް ހައިކޯޓުގެ ޙުކުމުގައެއްވެސް ނެތްކަމަށާއި، ފަތުވާ މަޖިލީހުގެ ފަތުވާގެ ދެވަނަ ބައިގައި އޮތީ، “އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިނުވާ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ހޯދުމުގައި ޑީއެންއޭ ޤަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވެފައިވާ”ކަމަށެވެ. އެހެންކަމުން، ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެކަމަށް ޚުދު ފަތުވާ މަޖިލީހުންވެސް އެއްބަސްވެފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޑީއެންއޭގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންނާ އަޅުގަނޑަށް އެއްބަސް ނުވެވޭ ހިސާބަކީ، މިމައްސަލައިގައި ދައުލަތުން ޑީއެންއޭ އެވިޑެންސް ހުށަހެޅި ސަބަބު. ޑީއެންއޭ ޤަބޫލުނުކުރެވޭނެކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާށް. އެއީ ފަތުވާގައިވެސް އޮތް ގޮތް. ނަމަވެސް، ޕީޖީ އޮފީހުން ހުށަހެޅި މައްސަލައިގައި ޑީއެންއޭ ހުށަހަޅައިފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާކަށް ނޫން. ކުއްޖާގެ ނަސަބާބެހޭ ގޮތުން އެއްވެސް ސުވާލެއް މިމައްސަލައަކު ނުވެސް ނެތް. ޑީއެންއޭ ހުށަހެޅީ ފިރިހެން މީހާ ޒިނޭކުރިކަން ސާބިތު ކުރަން. ޤާނޫނީ ޒިނޭއަކަށް.

– ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިމައްސަލައިގައި ހިމެނޭ އަންހެން މީހާއަކީ، އެ ފިރިހެން މީހާގެ އަނބިމީހާ ނޫންކަމާމެދަކު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާކަމަށެވެ. ސުވާލު އުފެދެނީ ފަރުޖަށް ޒަކަރު ވެއްދިކަން ނުވަތަ ނޫންކަމާމެދުގައެވެ. އެކަން (ފަރުޖަށް ޒަކަރު ވެއްދިކަން) ސާބިތު ކުރަން ހުށަހެޅީ ޑީއެންއޭ ހެކި ކަމުގައެވެ. ކުއްޖަކު މިހާރު ވިހާފައިވާރު، ވެއްދިތަން ނުފެނުނަސް، އެހެން ޤަރީނާ (ޑީއެންއޭ) އިން ވެއްދިކަން ސާބިތުކޮށްދޭކަމަށް ޕީޖީ ވިދާޅުވިއެވެ. އެއީ، ޑީއެންއޭ ލިބޭނީ ނުވެއްދުމަށްވުރެ ބޮޑަށް ވެއްދިކަމަށް ޤަބޫލުކުރެވިގެން ކަމަށްވާތީކަމަށާއި، އެހިސާބުން ޤާނޫނީ ޒިނޭ ސާބިތުވާނެކަމަމަށެވެ. އެއާ ޚިލާފަށް ޝަރުޢީ ޒިނޭ ސާބިތުކުރުމަށް ބޭނުންވަނީ، އެމަންޒަރު ދުށް ހެކިންކަމަށާއި، ދެ ޒިނޭގެ ތަފާތަކީ މިއީކަމަށް ޕީޖީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.