ވިއްސާރަވެ ވައިގަދަ ވުމާއިގުޅިގެން ބުރިޖް އަދި ހައިވޭއިން ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސް ކޮށްފި

ވިއްސާރަވެ ވައިގަދަ ވުމާއިގުޅިގެން ބުރިޖް އަދި ހައިވޭއިން ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސް ކޮށްފި

Author
ހުސައިން
21 މެއި 2024 10:04
0

މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ބުރިޖުންނާއ ހައިވޭއިން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހުންކުރި އެކްސް ޕޯސްޓެގައި ވިދާޅުވެފައިވަނީ، އެގޮތުން ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާ ކަމުގައެވެ.

ހަމަ އެއާއެކު، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން އުޅަނދު ދުއްވުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާތާ މިހާރުވަނީ ހަފްތާއެއްހާ ދުވަސް ވެފައެވެ. އެގޮތުން ވިއްސާރަވާނެ ކަމަށް ލަފާކޮށް ހއ. އިން ތ.އަތޮޅާއި ހަމައަށް މެޓް އޮފީހުން މިހަރުވަނީ ރީނދޫ ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ އެލާޓް ނެރެފައި ވަނީ މިރޭ ހެނދުނު 20:30 އިން ފެށިގެން މެންދުރު 12:30 އަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 28 މޭލާއި 30 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ގިނަ ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.