ވޯލްޑް ބޭންކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓްގެ ބޮޑު ބައެއް ކަވަރުކޮށްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިސާއިން ކަމަށާއި ބޭންކިން ދާއިރާގެ ވަސީލަތްތަކުގެ 30 ޕަސެންޓް ސަރުކާރުގެ ބޭނުންތައް ފުއްދުމަށް އަމާޒުކޮށްފައިވާ ކަމަށެވެ.
މި ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނީ ވޯލްޑް ބޭންކުން އިއްޔެ ބޭއްވި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފަރސް (މެއި 2024)" ގެ ޕްރެޒެންޓޭޝަނުގަ އެވެ.
ވޯލްޑް ބޭންކުގެ ކަންޓްރީ އިކޮނޮމިސްޓް އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު އެރްޑެމް އަޓާސް ވަނީ ފައިނޭންސިންއަށް އެމްއެމްއޭ އާއި ކޮމާޝަލް ބޭންކުތަކަށް ސަރުކާރުން ވަރަށް ބޮޑަށް ބަރޯސާވެފައިވާކަން ފާހަގަކުރައްވާފައެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެމްއެމްއޭގެ މުދަލުގެ 60 އިންސައްތަ ސަރުކާރުގެ ސެކިއުރިޓީޒްއަށް ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެމްއެމްއޭއިން ވަނީ ސްޓެބިލައިޒޭޝަން ދައްކާފައެވެ.
މީގެ އިތުރުން މުޅި ބޭންކިން އިންޑަސްޓްރީގެ 30 އިންސައްތަ އަކީ ސަރުކާރުގެ ޓްރެޜަރީ ބިލް (ޓީ ބިލް) އާއި ޓްރެޝަރީ ބޮންޑް (ޓީ ބޮންޑް) ގައި ހަރަކާތްތެރިވާ ސިނާއަތެއްކަންވެސް ފާހަގަ ކޮށްފައި ވެއެވެ. މި މާލީ ސްޓްރެޓެޖީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ބޭންކިން ނިޒާމު ނުވަ ޕަސެންޓް ރަނގަޅުވެފައިވާ ކަން އަޓާސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު ނިމުނުއިރު ދިވެހި ސަރުކާރުން ވަނީ ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާ (285.3 މިލިއަން ޑޮލަރު) ގެ ފައިސާ ޗާޕްކޮށްފަ އެވެ. މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ މާލީ ހާލަތު މަތިކުރުމަށް ޓަކައި ހަރަދުތައް ކުޑަކޮށް ފިސްކަލް ރިފޯމްތައް އަވަހަށް ތަންފީޒު ކުރުމަށް ވަރަށް ބޮޑަށް ލަފާދީފަ އެވެ.