އަކްރަމް ކަމާލުއްދީން، މުސްތަފާ އަށް 1.8 މިިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

އަކްރަމް ކަމާލުއްދީން، މުސްތަފާ އަށް 1.8 މިިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އަށް 1.8 މިލިއަން ރުފިޔާ ދިނުމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އަކްރަމާ ދެކޮޅަށް މި ހުކުމް ކުރީ އަކުރަމަށް ޗެކުތަކުން ދޫކުރި 1.7 މިލިއަން ރުފިޔާ އާއި ކޯޓަށް މައްސަލަ ހުށަހަޅަން ހަރަދުވި 100،000 ރުފިޔާ އާ އެކުގައި ޖުމްލަ 1.8 މިލިއަން ރުފިޔާ ދެއްކުމަށް އެދި މުސްތަފާގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމާ ގުޅިގެންނެވެ.

އަކުރަމް ވިދާޅުވެފައިވާ ގޮތުގައި މުސްތަފާ ދެއްވީ، 400،000 ރުފިޔާއާއި 50،000 ޑޮލަރެވެ. އޭގެ ތެރެއިން 400،000 ރުފިޔާ އަނބުރާ ދީފައިވާނެ ކަމަށް ވިދާޅުވެފައެެވެ. ކޯޓުގެ ހުކުމުގައި ބުނަނީ އެ ކަން ސާބިތުވާ ވަރުގެ ހެއްކެއް އަކުރަމް ހުށަހަޅުއްވާފައި ނެތް ކަމަށެވެ.

ސިވިލް ކޯޓުން އަކުރަމް ކަމާލުއްދީންގެ މައްޗަށް އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ މުސްތަފާ އަތުން އޭނާ ނަގާފައިވާ ފައިސާ އަންނަ ޖުލައި މަހު 19 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މުސްތަފާ އަށް 400،000ރ. އާއި 50،000 ޑޮލަރު، ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަކްރަމް އަތުން ނަގައި ދިނުމަށް ކޯޓުގެ ހުކުމްގައިވާ ފައިސާ އަކީ ދެ ފަރާތުގެ ވާހަކަތަކުންނާއި ލިޔެކިޔުންތަކުން ސާބިތުވާ ފައިސާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.

އެހެންކަމުން ވަކީލުގެ ފީއަށް ދިޔަ ހަރަދާއި ދަރަނީގެ ޖުމުލަ އަދަދު ހިމެނޭ ގޮތަށް 1.8 މިލިއަން ރުފިޔާ، އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައިވެއެވެ. މިއީ މުސްތަފާ 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *