ކޯވިޑް19ގެ އަސަރުކޮށްފައިވާ ވިޔަފާރިތަކަށާއި އަދި އެމެރިކާގެ ރައްޔިތުންނަށް އެހީތެރި ވެދިނުމުގެ ގޮތުނ އެކުލަވާ ލެވިފައިވާ، 900 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ، ކޯވިޑް ރިލީފް ޕެކޭޖަކަށް އެމެރިކާގެ ކޮންގެރެސްގެ ލީޑަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެއެވެ.
މި ރިލީފް ޕެކޭޖުގެ މަގުސަދަކީ، ކޯވިޑް19ގެ އަސަރުކޮށް، އެހީތެރެރިކަމަށް ބޭނުންޖެހިފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކާށާއި، ވަޒީފާ ގެއްލިފައިވާ ފަރާތްތަތަކަށާއި އަދި މީގެއިތުރުން ކޯވިޑް19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ސިއްޙީ އެހީތެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އަދި މީގެ އިތުރުން، މިހާރު ދޭން ފަށާފައިވާ ވެކްސިންގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
އެތައް ދުވަހެއް ވަންދެން ކުރިޔަށް ގެންދެވުނު ޚިތަފާތުވުން ބޮޑު މަޝްވަރާތަކާ، އަދި ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އެތައްފަހަރަކު މަޝްވަރާތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު، އާދީއްތަ ދުވަހު، ސެނެޓްގެ މެޖޯރިޓީ ލީޑަރ މިޓް މެކޯނެލް ވަނީ، ގާނޫނު ހަދާ މަޖިލީހުގެ ދެ ޗެމްބަރުގެ އިސް ލީޑަރުންގެ މެދުގައި މި ރިލީފް ޕެކޭޖާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ނައްތާލެވި، އެއްބަސްވުމަކަށް އަދެވިފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި ވިދާޅުވެފައި ވަނީ "މިއީ، މި އެހީގެ ޕެކޭޖަށް އެތައްކެއް ދުވަހެއް ވަންދެން އުއްމީދުކޮށްގެން ތިބި، އެހީތެރިކަމަށް ބެނުންވާ އެމެރިކާގެ އެތަކެއް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އަމާޒަށް ވާސިލްވާނެ ޕޮލިސީތަކުގެ މައްޗަށް އެކުލަވާލެވިފަވާ އެހީގެ ޕެކޭޖެއް" ކަމުގައެވެ.
ރިލީފް ޕެކޭޖާއި ގުޅޭގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި އެއްބަސްވުމަަކަށް އާދެވިފައި މިވަނީ، މި ޕެކޭޖާ ގުޅެގޮތުން ޚިޔާލު ތަފާތުވުން އުފެދި، ޑިމޮކްރަޓުންނާއި އަދި ރިޕަބްލިކަނުން އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުގެ އިގިލި އަމާޒުކޮށް، ގާނޫނު ހަދާ މަޖިލިހުގެ 11 ވަނަ ސެޝަން ނިންމާ މިއަހަރު އެންމެ ފަހު ޗުއްޓީއަށް މެމްބަރުން ވަޑައިގެންނެވުުގެ ކުރިން އެއްބަސްވުމަކަށް އާދެވިދާނެކަމާ މެދު ޝައްކު އުފެދިފައި ވަނިކޮށެވެ.
އެމެރިކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެކުލަވާލި، މި ރިލީފް ޕެކޭޖާ ގުޅޭ ޑީލް ކާމިޔާބު ވެގެން ދިއުމާ ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ނާންސީ ޕެލޯސީއާއި އަދި ހައުސްގެ މައިނޯރިޓީ ލީޑަރ ޗަކް ޝޫމާ ނެރުއްވި ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، "އަހަރުމެން އެންމެން އެކީ މަސައްކަތް ކޮށްގެން މި ވައިރަސް ބަލިކޮށް، ނައްތާލާ، އަދި ދަތިހާލުގައި ޖެހިފައިތިބި އެމެރިކާގެ ރައްޔިތުންގެ ޖީބުތައް ތަނަވަސް ކޮށްދޭނަން" ކަމުގައެވެ.
އެމެރިކާގެ ރަސްމީ އިދާރާތަކުންވެސް، އަދި ގާނޫނު ހަދާ މަޖިލީހުންވެސް މި ރިލީފް ޕެކޭޖުގެ ތަފްސީލުތައް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ބައެއް އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕެކޭޖުގެ ތެރޭގައި، އެމެރިކާގެރައްޔިތުންގެ ތެރެއިން ވަކި ވަރަކަށްވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިމުނަށް 600 މިލިއަން ޑޮލަރުގެ ޑިރެކްޓް ސްޓިމުލަސް ޕޭމަންޓްތައް ހިމެނިފައި ވެއެވެ. އަދި މީގެ އިތުރުންވެސް މި ޕެކޭޖުގައި ހިމެނޭ ޕްރޮގްރާމްތަކުގެ ތެރޭގައި، ޕެންޑަމިކްގެ ސަބަބުން މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ އިތުރު އެތައް ގިންތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިމެނިފައި ވެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފްރެޕްސެންޓެޓޭޓިވްސްގައި މި ޕެކޭޖާ ގުޅޭގޮތުން މިހަފްތާފެ ހޯމަދުވަހު ވޯޓަށް އަހާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރިލީފް ޕެކޭޖުގައި ހިމެނިފައިވާ މުހިންމު ބައެއް ބައިތައް:
އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުން އެއްބަސް ވުމަކަށް އައިސްފައިވާ މި ރިލީފް ޕެކޭޖުގެ ތަފްސީލު ރަސްމީކޮށް އަދި ހާމަ ކޮށްފައި ނުވިނަމަވެސް، ހައުސް އޮފް ރެޕްރެސެންޓޭޓިވްސް އާއި އަދި ސެނެޓުގެ އިސް ލީޑަރުންވަނީ، މި ރިލީފް ޕެކޭޖުގެ މުހިންމު މައިގަޑު ބައިތައް ހާމަ ކުރައްވާފައެވެ.
- ހާލުގައި ޖެހިފައިވާ ކޮންމެ ބޮޑު މީހަކާއި އަދި ކުޑަ ކުއްޖަކަށް 600 އެމެރިކާ ޑޮލަރަށްވުރެ އިތުރު ނުވާ ގޮތަށް ފައިސާގެ އެހީތެރިކަން
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް އެހީތެރި ވެދިނުމަށް 284 މިލިއަން ޑޮލަރު
- މޫވީ ތިއޭޓަރުތަކާ، ސަގާފީ އިންސްޓިޓިއުޝަންތަކަށާއި އަދި ލައިވް އިވެންޓްތައް ބާއްވާ ތަންތަން ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް 15 ބިލިއަން ޑޮލަރު
- ވަޒީފާ ގެއްލޭ ފަރާތްތަކަށް ލިބިދޭ އިންޝުއަރެންސްގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ ހަފްތާއަކު 300 ޑޮލަރު
- ތަންތަނުގެ ކުލި ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް 25 ބިލިއަން ޑޮލަރު
- ސްކޫލަތަކާއި ކޮލެޖްތައް ފަދަ، ތައުލީމު ފޯރުކޮށްދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 82 ބިލިއަން ޑޮލަރު. މީގެ ތެރޭގައި، ކްލާސް ރޫމްތައް ރައްކާތެރިކަމާއެކު އަލުން ހުޅުވުމަށް ފޯރުކޮށްދެވޭ އެހީތެރިކަންވެސް ހިމެނޭ
- ޗައިލްޑް ކެއަރގެ ޚިދުމަތްދޭ ފަރާތްތަކަށް އެހީތެރިކަން ފޯރިކޮށް ދިނުމަށް 10 ބިލިއަން ޑޮލަރު
- ނިއުޓްރިޝަން އެސިސްޓޭންސް އާއި ޗައިލްޑް ނިއުޓރިޝަން ބެނެފިޓް ޕްރޮގްރާމްތައް ހިންގުމަށް އެހީތެރި ވުމަށް 13 ބިލިއަން ޑޮލަރު
- ޕެންޑަމިކްގެ ދުވަސްވަރު، ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކުރުމަށް އެހީތެރވެދިނުމުގެ ގޮތުން، ބްރޯޑްބޭންޑުގެ ހިދުމަތް ފަސޭހަކުރުމަށް 7 ބިލިއަން ޑޮލަރު
- ކޯވިޑް19 ވެކްސިން އެއްތަނުން އަނެއްތަނަށް ފޯރުކޮށް ދިނުމަށާއި، ޓެސްޓް ކުރުމާއި އަދި މީގެއިތުރުން ސިއްޙީ ޚިދުމަތްތެރިން ކުރިޔަށް ގެންދާ ކޮންޓެކް ޓްރޭސިންއަށް އެހީތެރި ވެދިނުމަށް އެތައް ބިލއަން ޑޮލަރެއް.
- ބަލިވުމުން ދޭ ޗައުޓީ މުވައްޒަފުންނަށް ދިނުމަށް ވަޒީފާ ދޭފަރާތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކުންފުނިތަކަށް ފޯރުކޮށްދެވޭ "ޓެކްސް ކްރެޑިޓް"ގެ އިނާޔަތް.
ކޮމެންޓު ފޮނުވާ