ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ދެ ޤައުމު ގުޅިގެން ބައި-ލެޓަރަލް ތަމްރީން ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ތަމްރީނުތަކުގައި ދިވެހިން ތަމްރީނުކުރާނީ އެންމެ ބޮޑަށް ރާއްޖެއަށް ބޭނުންވެފައިވާ ދާއިރާތަކުންކަމަށް ސަފީރު ވިދާޅުވިއެވެ.
އެކި ދާއިރާތަކުން ދިވެހިން ތަމްރީން ކުރުމަށް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ޗައިނާގެ ސަރުކާރުން އެހީތެރިކަން ފޯރު ކޮށްދޭނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ރާއްޖެއަށް ޗައިނާގެ ޑޮކްޓަރުން އަންނާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ބޮޑަށް އަޅާނުލެވޭ އަތޮޅު ތަކުގެ އެކި ރަށް ރަށަށް ވެސް އެބޭފުޅުން ދަތުރު ކުރައްވައި ރަށްރަށަށް ދެވެން އޮތް އެހީތެރިކަމެއްދީ ރަށްރަށުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ބައެއް ރަށްރަށުގައި ރަނގަޅު ޑޮކްޓަރުން ނެތުމާއި، ބޭސް ނުލިބުމާއި މިފަދަ އެތައް ޝަކުވާއެއް ގިނަ ރައްޔިތުން އަންނަނީ ކުރަމުންނެވެ. މި ސަރުކާރުން ދަނީ ސިއްހީ ނިޒާމު ރަނގަޅުކޮށް ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ލިބޭނެ ގޮތަކަށް މަސައްކަތްތަކެއް ކުރަމުންނެވެ.