ރާއްޖެ އަށް އެއްބާރުލުން ދިނުމުގައި ދެމި ހުންނާނަން: ސައުދީ ފަންޑު

ރާއްޖެ އަށް އެއްބާރުލުން ދިނުމުގައި ދެމި ހުންނާނަން: ސައުދީ ފަންޑު

Author
އަހުމަދު
16 މެއި 2024 06:15
0

ރާއްޖެ އަށް އެއްބާރުލުން ދިނުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދު ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. އަދި މިފަހުން ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނާއެކު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާމެދު އެ ގައުމުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތައް އިތުރަށް ފުޅާކުރުމާމެދު މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީ.އީ.އޯ ވަނީ ރާއްޖެއިން އެމަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވައި، ދިވެހިރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގޫންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.