92 އަހަރުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތް ނިންމީ 19ވަނަ މަޖިލީހުން: އަސްލަމް

92 އަހަރުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތް ނިންމީ 19ވަނަ މަޖިލީހުން: އަސްލަމް

ރައްޔިތުންގެ މަޖިލިހުގެ 92 އަހަރުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތް ނިންމީ 19ވަނަ މަޖިލީހުންކަމުގައި މަޖިލިސް ރައިސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

19 ވަނަ މަޖިލިސް ނިންމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ 178 ބިލުގެ މަސައްކަތާއެކު 19 މަޖިލިސް ވެގެންދާނީ މިހާތަނަށް އެންމެ ގިނަ މަސައްކަތް ކުރި މަޖިލިސް ކަމަށާއި، 28 މެއި 2019 އިން ފެށިގެން 19 ވަނަ މަޖިލީހުގެ ދައުރު ނިންމާލިއިރު 513 ޖަލްސާ ބާއްވާފައިވާ ކަމުގައެވެ. އެއީ 1461 ގަޑިއިރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އެހާމެ އުފަލާއި ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވޭ 1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހެއް އުފެދި މި ވޭތުވެދިޔަ 92 އަހަރުގެ މުއްދަތުގެ ތެރޭގައި މި 19 ވަނަ ރައްޔިތުންގެ މަޖިލީސް ވެގެން މިދަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލިސް ކަމުގައި،" މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ނިންމާލުމުގެ ގޮތުން އަސްލަމް ވިދާޅުވި އެވެ.

ޖުމުލަ 87 މެމްބަރުންގެ މައްޗަށް އެކުލެވި، އެ މަޖިލީހުގެ މެޖޯރިޓީ ފެށުނީއްސުރެ އެމްޑީޕީއަށް އޮތް 19 ވަނަ މަޖިލީހުގައި ޖުމުލަ 513 ޖަލްސާ ބާއްވާފައި ވާއިރު، އެއީ 1461 ގަޑިއިރު ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ވަނަ ދައުރެއް ފުރިހަމަ ކުރައްވާ އަސްލަމް ވިދާޅުވި އެވެ. ކޮމިޓީތަކުގެ ޖުމުލަ 3784 ބައްދަލުވުން ބޭއްވުނު ކަމަށާއި އެއީ ޖުމުލަ 4434 ގަޑިއިރު ކަމަށް ވެސް ވިދާޅުވި އެވެ.

"މި ދެންނެވި ވަގުތުގެތެރޭގައި 178 ބިލާއި 73 ގަރާރާއި، ސަރުކާރުން ހުށަހެޅި 152 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 104 މައްސަލަ އާއި 108 ކުއްލި މައްސަލަ އާއި މެމްބަރުން ހުށަހެޅި 48 މައްސަލަ އާއި އެކި މައްސަލަތަކާ ގުޅޭ 153 ރިޕޯޓު، އަދި ވަޒީރުންނާ ކުރެވި 384 ސުވާލުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައި،" މަޖިލީހުގައި ޖުމްލަ ހަތަރު ދައުރު — 20 އަހަރު މެންބަރުކަން ކުރައްވާފައިވާ އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އެކި މައްސަލަތަކާއި ގުޅޭ 153 ރިޕޯޓުގެ މަސައްކަތް ކޮށްފައިވާއިރު ވަޒީރުންނާ 384 ސުވާލު ކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވަނީ 19 ވަނަ މަޖިލިހުން ނިންމާފައިވާ މުހިންމު ބިލުތައް ވެސް ފާހަގަކުރައްވާފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ބިލުތައް:

– ރިޔާސީ ކޮމިޝަންތަކުގެ ބިލް
– ޤާނޫނީ ފަންނުގެ ބިލް
– ސަގާފީ ތަރިކައިގެ ބިލް
– މަސްވެރިކަމާއި ބެހޭ ބިލް
– ކުޑަކުދިންގެ އަދުލުގެ ބިލް
– އާމްދަނީން ޓެކްސްނެގުމުގެ ބިލް
– ޗަރޓަޑް އެކައުންޓެންޓުންގެ ބިލް
– ތަޢުލީމީ ބިލް
– އިންތިގާލީ އިންސާފުގެ ބިލް
– ފޮރިން ސަރވިސްގެ ބިލް

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވި ގައުމުގެ ވެރިންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހު އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެވެ.

ކުރިއަށް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ނިމުނު މަހުގެ 21 ވަނަ ދުވަހު ވަނީ 93 މެންބަރުން ހޮވާފަ އެވެ. ވެރިކަން ކުރާ ޕީއެންސީ އިން އާ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދާފައިވާއިރު އާ މަޖިލީހުގެ މެންބަރުން ހުވާ ކުރުން އޮންނާނީ ކުރިއަށް އޮތް މެއި 28 ވަނަ ދުވަހު އެވެ. ރަސްމީކޮށް، 19 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މިމަހު 27 ވަނަ ދުވަހަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *