އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާ ފުނޑުފުނޑު ކުރަމުންދާއިރު ބައިނަލް އަގުވާމި މަސްރަހު ހިމޭނުން އޮވެގެން ނުވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގައި، ޚާއްޞަކޮށް ރަފާގައި މިހާރު ފެންނަމުންދާ މަންޒަރުތަކަކީ މާޔޫސްކަމާއި، މީހުން ގަދަކަމުން ގެދޮރުން ނެރެލުމާއި އަދި މީހުން މަރަމުންދާ މަންޒަރުތައް ކަމުގައެވެ.
އަދި އިސްރާއީލު ސިފައިންގެ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން އިތުރު ވަގުތީ ފިޔަވަޅުތަކެއް އެޅުމަށް ދެކުނު އެފްރިކާއިން ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ފުރިހަމަޔަށް ތާއީދުކުރާކަން ހާމަކޮށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށާއި، 1967 ގެ ކުރީގެ އިންތަކަށް ބިނާކޮށް، އަމިއްލަ މިނިވަން ދައުލަތެއް ޙައްގު ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާއީދު ކުރުންމަތީ ދިވެހިރާއްޖެއިން ދެމިއޮންނާނޭ ކަމުގައެވެ
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ފަލަސްޠީނުގެ ދައުލަތަކީ ޙަޤީޤަތަކަށްވެ، ފަލަސްޠީނުގައި ތިއްބެވި އަޚުންނާއި އުޚުތުންނަށް ޝަރަފުވެރިކަމާއި، ޞުލްޙަވެރިކަމާއި، ތަނަވަސްދިރިއުޅުމެއް އުޅެވިގެން މެނުވީ މައްސަލައަށް ސުލްހަވެރި ހައްލެއް ނުލިބޭނެ ކަމުގައެވެ.
އިސްރާއީލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރުވަނީ 35،000 އަށް އަރާފައެވެ.
ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިސްރާއީލުގެ އުދުވާންގައި މިހާތަނަށް އައިއިރު ޢައްޒާގައި 35،034 މީހުންވަނީ ޝަހީދުވެފައެވެ. އަދި ހަމާސްއިން 2023ގެ އޮކްޓޯބަރުގައި އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު ހުޅަނގު އައްސޭރީގައިވަނީ ފަލަސްތީނުގެ 498 މީހުން ޝަހީދު ވެފައެވެ.
ޢައްޒާއަށް މި މުއްދަތުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 78،755 މީހުންނަށް އަނިޔާވެފައިވާއިރު ހުޅަނގު އައްސޭރީގައިވަނި 4،950 މީހުންނަށް އަނިޔާ ވެފައެވެ.
މި މުއްދަތުގައި މަރުވެފައިވާ އިސްރާއީލު ރައްޔިތުންގެ އަދަދަކީ1،139 މީހުންނެވެ. އަދި 8،730 މީހުންނަށް ވަނީ އަނިޔާ ވެފައެވެ.
އިސްރާއީލުން މިހާރު ތައްޔާރު ވަމުންދަނީ ޣައްޒާގެ މުޅި އާބާދީ މިހާރު ތޮށްޖެހިފައިވާ ރަފަހައަށް ހަމަލާ ދިނުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިހާރު އެގައުމުން ދަނީ ރަފަހަގެ ބޯޑަރު ސަރަހައްދަށް ހަމަލާތައް ދެމުންނެވެ.
އެހެންނަމަވެސް 1.5 މިލިއަންގެ ބޮޑު އާބާދީއެއް ތޮށްޖެހިފައިވާ ރަފަހައަށް އަރައި ނުގަތުމަށް ދުނިޔޭގެ ގައުމުތަކުން ދަނީ އިސްރާއީލަށް އަންގާ އިލްތިމާސް ކުރަމުންނެވެ.