ކުރިޔަށް އޮތް ތަނުގައި ދެން މަޖިލިހަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތްކަމުގައި ނިމިގެންދާ ދައުރުގައި އައްޑޫމީދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭނާ މިހެން ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލިހުގެ، މިއަދު ބޭއްވުނު އެންމެ ފަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދަކީ 19 ވަނަ މަޖިލިހުގެ އެންމެ ފަހު ޖަލްސާކަމަށް ވުމާއެކު، މިއަދު ރިޔާސަތުންވަނީ ކޮންމެ މެމްބަރަކަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފައެވެ. އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ 15 އަހަރު މަޖިލިހުގައި ހޭދަކޮށްފައި ދާއިރު، ދެން އިތުރަމަށް މަޖިލިސް މެމްބަރުކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތްކަމުގައެވެ.
އަދި ރޮޒޭނާ ވިދާޅުވީ އެހެންކަމުން މިއަދު ވެގެންދާނީ އޭނާ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލިހުގައި ވާހަކަ ދައްކަވާނެ ފަހު ދުވަސްކަމުގައެވެ.
އަޅުގަނޑުގެ ވިސްނުމެއް ނެތް ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ، އެހެންވީމާ މިއަދަކީ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑު މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ ފަހު ދުވަސް.
ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ މިއަދުވަނީ ތުލުސްދޫ ދާއިރާގެ ރައްޔިތުންނާއި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އޭނާ ވިދާޅުވީ ދާއިރާތަކުގެ ރައްޔިތުން ހަވާލުކުރި މަސައްކަތް އަމާނާތްތެރި ކަމާއެކު ކުރެވިއްޖެ ކަމަށް އުންމީދު ކުރާކަމަށެވެ.
ރޮޒޭނާ މިފަހަރު މަޖިލިސް އިންތިޚާބުގައި ވާދަކޮށްފައެއް ނުވެއެވެ. އެއީ އައްޑޫ މީދޫ ދާއިރާގައި ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީ އޭނާއަށް ކާމިޔާބު ނުކުރެވުމާއި ގުޅިގެންނެވެ.
19 މަޖިލިހުގެ އެންމެ ފަހުގެ ޖަލްސާ މިއަދު ބޭއްވިގެންދާއިރު، އާ މަޖިލިސް ހުވާކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.