ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކަކާހެދި މެދުކަނޑާލި "ޖުގް ޖުގް ޖީއޯ"ގެ ޝޫޓިން އަލުން ފަށައިފިއެވެ.
ޗަންދީގަރްގައި ޝޫޓިން ކުރިއަށް ގެންދަނިކޮށް މީގެ 2 ހަފްތާ ކުރިން ފިލްމް "ޖުގް ޖުގް ޖީއޯ"ގެ މުހިންމު ބައެއް ތަރިންގެ އިތުރުން ޑައިރެކްޓަރ ރާޖް މެހެތާ ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ތަރިންގެ ތެރެއިން ފިލްމުގެ ލީޑުގައި ހިމެނޭ ވަރުން ދަވަން އާއި ނީތޫ ކަޕޫރުގެ އިތުރުން މަނީޝް ޕޯލް އަށްވެސް ކޯވިޑް-19 ޖެހުނެވެ.
ނަމަވެސް ފަރުވާއަށް ފަހު އަލުން ފިލްމުގެ ޝޫޓިންގ ފަށާފައި ވާކަން ވަރުންނާއި ނީތޫ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައެވެ. ނީތޫ ފަރުވާހޯދަން މުމްބާއީގައި ހުރުމަށްފަހު އިއްޔެވަނީ އަނބުރާ ޗަންދީގަރަށް ގޮސް ޓީމާ ގުޅިފައެވެ. އަދި މިއަދުގެ ވީޑިއޯއެއް އިންސްޓަގަރާމް ސްޓޯރީގައި ހިއްސާކޮށް ނީތޫ ބުނީ ހެނދުނުގެ ޝޫޓިންގައި ކަމަށެވެ.
ވަރުންއާއެކު ފިލްމުގެ ލީޑުން ދެން ފެންނަ ތަރި ކިއާރާ އަދުވަނީ އެކުގައި ނަގާފައިވާ ފޮޓޯއެއް އެ ދެމީހުންވެސް އިންސްޓަގްރާމްގައި އިއްޔެ ވަނީ ހިއްސާ ކޮށްފައެވެ. މި ފޮޓޯގައި އެ ދެމީހުންވެސް އަލުން އެނބުރި ޓީމާ ގުޅިފައި ވާކަމަށް ވަނީ ބުނެފައެވެ.
މިގެ އިތުރުން ފިލްމުގެ ޝޫޓިންގ މެދުކަނޑާލުމުން މުމްބާއީއަށް އެނބުރި ދިޔަ އަނިލް ކަޕޫރުވެސް އިއްޔެ ވަނީ އަނބުރާ ޗަންދީގަރަށް ދަތުރުކޮށްފައެވެ.
މި ފިލްމަކީ 7 އަހަރުގެ މެދުކެނޑުމަކަށްފަހު ނީތޫ ކަޕޫރު އަނބުރާ ފިލްމީ ދާއިރާއަށް ނުކުންނަ ފިލްމެވެ. ނީތޫ އެންމެ ފަހުން ފެނިގެންދިޔައީ 2013 ވަނަ އަހަރުގެ ފިލުމް "ބޭޝަރަމް" އިންނެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ މިފިލްމަކީ ބޮޑު ސްޓާ ކާސްޓަކާއެކު ގެނެސްދޭ ފިލްމެކެވެ. އެގޮތުން ވަރުން ދަވަން، ކިއާރާ އަދްވާނީ، އަނިލްކަޕޫރު، ނީތޫ ކަޕޫރު، ޕްރަޖަކްތާ ކޯލީގެ އިތުރުން މަނީޝް ޕައުލް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ޖުގް ޖުގް ޖީއޯ" ސިނަމާއަށް އަންނާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.