ބޯންމެރޯ ޓްރާންސްޕްލާންޓް މެޗް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި

ބޯންމެރޯ ޓްރާންސްޕްލާންޓް މެޗް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި

Author
ހުސެއިން
09 މެއި 2024 09:54
0
ބޯން މެރޯ ހެދުމަށް ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖެއިން ހެދޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.

ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މީގެ ކުރިން ބޯންމެރޯ މެޗު ހެދެނީ ވަރަށް ދަތި ހާލުން ކަމަށާއި އެ ޓެސްޓު ހެދުމަށް ބަލި މީހާއާއި ޑޯނަރުގެ އިތުރުން އާއިލާގެ މެންބަރުން ވެސް ބޭރަށް ދާން ޖެހޭ ކަމަށެވެ.

"އެހެންވީމަ ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުން ވަރަށް ބޮޑު ގުރުބާނީއެއް ހަގީގަތުގައި ބެލެނިވެރިން ވަމުން ދަނީ، އެހެންނަމަވެސް ﷲގެ ވާގިފުޅާއެކު ރައީސްގެ އިސްނެންގެވުމުގެ މަތިން މިއަދު ރާއްޖޭގައި ތިބެގެން މި ޓެސްޓު ހެދުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެ ޓެސްޓު ފުރަތަމަ ފަހަރަށް ރާއްޖޭގައި މިދިޔަ މާޗު މަހުގެ ހަތެއްގައި ހަދައިފައިވާ ކަމަށާއި އެ ބުރުގައި 13 މީހަކު ޓެސްޓު ހެދި ކަމަށެވެ. އަދި މި މަސް ތެރޭގައި ނުވަތަ އަންނަ މަސް ތެރޭގައި ޓެސްޓުގެ ދެވަނަ ބުރު ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފަ އެވެ.

ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމަށް ވެސް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން ގިނަ ގައުމެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.